top of page
މިދުއަމް ސައުދު

ހައްލަކީ ވަކިވަކި ފަރުދުން މާލީ ގޮތުން ފުދުންތެރި ކުރުވުން


މި މީހުން މިއުޅެނީ ބަޔަކަށް އެއްޗެއް ލިބިދާނެތީ!


މި މީހުން މިއުޅެނީ މި މީހުންނަށް ނުލިބޭތީ!


މި މީހުން މިއުޅެނީ ފިތުނަ އުފައްދައިގެން ސިޔާސީ މަންފާއެއް ހޯދަން!


މީ ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެންނަށް އަމާޒުކޮށް ވަރަށް ގިނަ ބަޔަކު ފާޅުކުރަމުންދާ ޝޫރުތަކެކެވެ.


އާދޭހެވެ. ގޯތި މައްސަލާގައި އަޑު އުފުލާ ބައެއް މީހުން އަޑު އުފުލަނީ ބަޔަކަށް އެއްޗެއް ލިބޭތީ ކަމަށް ވެދާނެއެވެ. ތިމާއަށް ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. ނޫނީހަމަ ސިޔާސީ ފިތުނަވެރިކަން އުފެއްދުމުގެ ނިޔަތުގައި ކަމަށްވެސް ވެދާނެއެވެ. އެހެނަސް އަޅުގަނޑާއި އަޅުގަނޑާއެކު އުޅޭ ފަރާތްތަކުން މިކަމުގައި އަޑު އުފުލަނީ މިއިން ސަބަބަކާއި ގުޅިގެނެއް ނޫނެވެ.


ވީމާ ޓީމުގެ ފަރާތުން އަޅުގަނޑުމެން މިކަމާއި ދެކޮޅުވާ ސަބަބު، ތާރީހައްޓަކާ ނަމަވެސް، ހިއްސާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކޮށް، މި ލިޔުން ލިޔެލަން ވަގުތުކޮޅެއް ހުސްކޮށްލީއެވެ.


އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކިޔުންތެރިން ފޫހި ވާވަރަށް މި ލިޔުން ދިގުވެދާނިތީއެވެ. އެހެނަސް މި ބާވަތުގެ ވާހަކަ އަކީ ކުރުކޮށް ލިޔުނަސް ވަރަށް ދިގު ވާހަކަތަކެކެވެ. ވީމާ މި ލިޔުން ދެ ބާބަކަށް ބަހާލާނަމެވެ. ފުރަތަމަ ބާބު، މި ލިޔުމުގައި ބަލާލާނީ އިޖްތިމާއީ ބޯހިޔާވަހިކަމަށް އަޅުގަނޑުމެން ބާރު އަޅާ ސަބަބު ތަކަށެވެ. ސަބަބަކީ ގޯތީގެ މައުލޫގައި އަޅުގަނޑުމެންގެ ސްޓޭންޑް ވިސްނަން ފަސޭހަވާނީ ފުރަތަމަ މިބައިތައް އެނގިގެން ކަމަށް ވީމައެވެ. މި ލިޔުންވެސް އަޅުގަނޑުގެ ގާބިލްކަން ތަންދިން މިންވަރަކުން މި ލިޔުން ވީހާވެސް ކުރުކޮށް، ހުލާސާކޮށް އެހެނަސް ބޭނުންވާވަރަށް ސާފުކޮށް، ލިޔަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެމުން އަޅުގަނޑު އެދެނީ އެންމެ ކިޔުންތެރިންވެސް މި ލިޔުން ނިމެންދެން ކިޔާލަން ހިތްވަރު ކުރުމަށެވެ.


މައްސަލައެއް ހައްލު ކުރުމުގައި އަޅާ ފިޔަވަޅުތައް:

މައްސަލަތައް ދެނެގަތުން
މައްސަލަ ދިރާސާކޮށް އޭގެ އަސްލު ހޯދުން
މައްސަލައިގެ އަސްލު ހައްލު ކުރެވޭނެ ގޮތްތައް ދިރާސާ ކުރުން
އެންމެ އަވަހަށް އެންމެ ފަސޭހައިން އެންމެ ގިނަ ބަޔަކަށް ހައްލު ގެނެސް ދެވޭނެގޮތް ކަނޑައެޅުން
އެ ހައްލު ގެންނަަން ހުރި ހުރަސްތައް ދިރާސާ ކުރުން
އެ ހުރަސްތައް ނައްތާލުން

މިލިޔުން ކުރިއަށް ގެންދަން އަޅުގަނޑު މަސައްކަތް ކުރާނީ މި ހަ ފިޔަވަޅަށް ބަހާލައިގެން ވަކިވަކިން ފަހަރު ބަޔަކުންނެވެ. މާމޮޅެތި ބަހުރުވައިން ބައިބައިޔަށް ހުއްޓަކަސް ހުރިހާ މައްސަލަތަކެއްގައި ވެސް އޮންނަނީ މައިގަނޑު ދެބައެކެވެ. މައްސަލައިގެ އަސްލާއި އޭގެ ހައްލެވެ.


މައްސަލަތައް ދެނެގަތުން

މާލެ ސަރަހައްދުގައި އަޅުގަނޑުމެން މިއުޅޭ މުޖްތަމައުގައި ނުހަނު ބައިވަރު މައްސަލަތައް އެބަ ހުއްޓެެވެ. ވައްކަމާއި ފޭރުމާއި، މަސްތުވުމާއި، ހަށިވިއްކުމާއި، މަކަރާތް ހިލާތް ހަދާ އޮޅުވާލުމާއި، ކަރަޕްޝަނާއި ފަސާދައެވެ. އާއިލީ މައްސަލަ ތަކާއި، ދަރިން ތަރުބިއްޔަތު ނުވުމާއި އަދިވެސް އަދިވެސް އެވެ. މި މައްސަލަތަކުގެ ވާހަކަ އަޅުގަނޑު އިތުރަށް ކިޔާދޭކަށް ނުޖެހޭނެއެވެ. މިއީ އެންމެން ދަންނަ އެންމެން ދައްކާ ވާހަކަ އެކެވެ. ވީމާ ލިޔުން ކުރުކުރަން މި ލިސްޓު ކުރުކޮށްލާނަމެވެ.


މައްސަލަތައް ދިރާސާކޮށް އޭގެ އަސްލު ހޯދުން

އާބާދީގެ ގިނަ މީހުން މިއަދު ތިބީ އަދި ކުރިއަށް އޮތް 20 ވަރަކަށް އަހަރު ނިސްބަތުން އިތުރުވަމުން އަންނާނީވެސް މާލޭ ސަރަހައްދަށެވެ. ދިގު ލިސްޓަކަށް އަތުރާ ލެވޭނެ އެކިއެކި ސަބަބު ތަކާހެދި މިކަން މިއޮތީ މިހާލަތަށް އައިސްފައެވެ. އެއްތަނަކަށް އެންމެން މަޖުބޫރު ހާލަތެއްގައި ޖަމާވެ ތިބެން ޖެހުމަކީ ދެންނެވުނު މައްސަލަ ތަކުގެ އަސްލުގެ ތެރެއިން އެންމެ ފުނުގައިވާ މުލެވެ. މި މައްސަލަ ހައްލު ކުރަން ކުރަން ޖެހޭ ފުރަތަމަ ކަމަކީ މިހާރު މީހުންނަށް ދިމާވެފައިވާ ‘އިމީޑިއޭޓު’ މައްސަލަ ހައްލުކޮށް އާންމުން މާލީ ގޮތުން ފުދުންތެރި ކުރުމެވެ. މާލީ ފުދުންތެރިކަން ކަށަވަރު ނުވާ މީހަކަށް ދިރުއުޅުގެ ހާލަތާއި ތަނަށް ބޮޑު އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.


އެގޮތުން މިތަނުގައި ދިރުއުޅޭ މީހުންގެ ހާލަތަށް ނަޒަރު ހިންގައިގެން މައްސަލައިގެ އަސްލަށް ވާސިލްވެވިދާނެއެވެ. މާލޭ ސަރަހައްދުގައި އުޅޭ އާންމު މީހަކު އެވްރެޖްކޮށް މަހެއްގެ މައްޗަށް ގެއަށް ގެންދަން ލިބެނީ 10،000-15،000 ރުފިޔާވަރެވެ. މާލެ ސަރަހައްދުން އެއް ކޮޓަރި އެޕާޓްމަންޓެއް ލިބެނީ 13،000-16،000 އަށެވެ. ކެއުމާއި ބުއިމަށް އަދި އިތުރު ހާސް ތަކެއް ހަރަދު ވެއެވެ.


އޭގެ މާނައަކީ ކޮބާތޯއެވެ؟ އޭގެ މާނައަކީ "ބޭސިކް އިންކަމް" އިން "ބޭސިކް ނީޑްސް" ފޫނުބެއްދެއެވެ. އަސާސީ އާމްދަނީން އަސާސީ ހަރަދު ހަމަ ނުޖެއްސެއެވެ. އަސާސީ އާމްދަނީ އަސާސީ ހަރަދަށް ވުރެ ކުޑައެވެ.


އިންސާނަކަށް ލިބޭ އަސާސީ އާމްދަނީން އަސާސީ ހަރަދު ނުފުއްދޭނަމަ އެ ހަރަދު ފުއްދަން ކުރަން ޖެހޭ ހުރިހާ ކަމެއް އެ އިންސާނަކު ދިރިހުންނަން ކުރާނެއެވެ. އަނބިދަރިންނާއި ބައިންބަފައިން އެކީގައި 2 ކޮޓަރި ފްލެޓެއްގައި އުޅެން ޖެހެނީ އެހެންވެއެވެ. ވަޒީފާ ނިންމާފައި ދެން އޮންނަ ހުސްވަގުތުގައި ޓެކްސީ ކުރަން ޖެހެނީ އެހެންވެއެވެ. އާދައިގެ މުވައްޒަފުން ކަރަޕްޝަނާއި އެހެނިހެން "ކަޓު" ލިބޭ މަގުތައް ހޯދަނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ. މަދު ލާރި ކޮޅަކަށް ނަފްސު ވިއްކާލުމާއި، އެޕާޓްމަންޓު ކުލި ދައްކަދޭ ފިރިހެނާގެ "މިސްޓްރެސް" އެއް ގޮތަށް އުޅެންޖެހޭ ބަޔަކު އެމަގު ހިޔާރު ކުރަން ޖެހެނީ އެހެވެޔޭވެސް ކިޔައެވެ.


އާއިލާތައް ތޮއްޖެހި އުޅުމާ، މައިންބަފައިން ދަރިންނަށް ވަގުތު ނުދެވުމާއި، ފަސޭހަ ގޮތުގައި ހަރަދު ބަރަދު ހޯދަން ކުރަން ޖެހުނު ކަމެއް ކުރުމާއި ދެންވެސް މިހެން ހުރި އެކިއެކި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެހެން މައްސަލަތައް އުފެދި، އެއާއި ވިދިގެން ދެންހުރި މައްސަލަތައް ފެންމަތިވެ، މިހާރު ހުރި ގިނަ މައްސަލަތައް އުފެދެނީއެވެ.


ވީމާ މި މުޖްތަމައުގައި ހުރި އިޖްތިމާއި ގިނަ މައްސަލަ ތަކުގެ މަންމައަކީ ނުވަތަ އަސްލަކީ "ތިއޮރެޓިކަލީ" ބަލާލާއިރު އަސާސީ އާމްދަނީން އަސާސީ ހަރަދު ނުބެލެހެއްޓުން ކަމަށް އަޅުގަނޑު "އާގިއު" ކުރާނަމެވެ.


މައްސަލައިގެ އަސްލު ހައްލު ކުރެވޭނެ ގޮތްތައް ދިރާސާ ކުރުން

އަސާސީ އާމްދަނީީން އަސާސީ ހަރަދު ނުޗެލުން ހައްލު ކުރެވޭނީ ކިހިނެތްތޯއެވެ؟ މިކަން ކުރެވޭނީ ދެގޮތަކަށެވެ.

  1. މީހުންގެ އާމްދަނީ އިތުރު ކުރުން

  2. މީހުންގެ އަސާސީ ހަރަދު ކުޑަ ކުރުން

ސަރުކާރަކަށް އާންމުންނަށް ލިބޭ އެތިކޮޅު/މުސާރ/އާމްދަނީ ބޮޑު ކުރެވިދާނެ ގޮތްތަށް ހޯދިދާނެއެވެ. އޭރުން ހަރަދުކޮށް އަތުގައި ބާކީވާ އެތިކޮޅު އިތުރުވާނެއެވެ. ނޫނީ ވީއްޔާ ލިބޭ އެތިކޮޅު ބަހައްްޓާފައި، މީހުން ކުރާ އަސާސީ ހަރަދު ކުޑަކުރަން މަސައްކަތް ކުރެވިދާނެއެވެ. އޭރުންވެސް ހަރަދުކޮށް އަތުގައި ބާކީވާ އެތިކޮޅު ގިނަ ވާނެއެވެ. އަތުގައި ބާކީވާ އެތިކޮޅު ނުވަތަ ސޭވް ކުރެވޭ ވަރު ގިނަވުމަކީ މީހާގެ މާލީ ފުދިންތެރިކަން އިތުރުވުމެވެ. މިއީ މިކަން ކުރެވޭނެ ދެ ގޮތެވެ.


އެންމެ އަވަހަށް އެންމެ ފަސޭހައިން އެންމެ ގިނަ ބަޔަކަށް ހައްލު ގެނެސް ދެވޭނެގޮތް ކަނޑައެޅުން

މަތީގައި ދެންނެވުނު ދެގޮތަށް ބަލާއިރު ލިބޭ އެތިކޮޅު އިތުރު ކުރެވޭނީ މުޅި ގައުމުގެ އިގްސިތޯދު ރަނގަޅުވެ، ހަދަން ޖެހޭ ވަރަށް ގިނަ ގާނޫނުތައް (މިސާލަކަށް މިނިމަވް ވޭޖް) އެ ހަދަން ޖެހޭ ގޮތަށް އެ ހަދަން ޖެހޭ ވަގުތުގައި ހަދައިގެންނެވެ.


މީ މިރާއްޖޭގައި އަދި ފަސޭހައިން ނަތީޖާ ފެންނާނެ ގޮތަށް، ކުރު މުއްދަތަކުން ކުރެވެން އޮތްކަމެއް ނޫނެވެ.


ދެން އޮތީ މީހުން ކުރަން ޖެހޭ އަސާސީ ހަރަދު ކުޑަ ކުރުމެވެ. އަސާސީ ހަރަދު ކުޑަކުރަން ގައުމުތަކުގައި އަގުހެޔޮ ޕަބްލިކު ޓްރާސްޕޮޓޭޝަން، ބޯހިޔާވަހިކަން، ކަރަންޓު ފެނުގެ އަގު ކުޑަކުރުން ފަދަ ކަންކަން ކުރެެވެ. މިގޮތުން މާލެ ސަރަހައްދުގައި ތިބި އާންމުން ކުރަން ޖެހޭ އަސާސީ ހަރަދު ކުޑަ ކުރަން، އެމީހުން އެންމެ ބޮޑު ހަރަދެއް ކުރަނީ ކޮން އަސާސީ ކަމަކަށްތޯ ބަލާލަން ޖެހެއެވެ.


ދަކޮމަނާސް އިން ހެދި ސާރވޭ ތަކާއި، މީހުންގެ ވާހަކަ ތަކާއި އަދި އަމިއްލަ ތަޖުރިބާއަށް ބިނާކޮށްވެސް މިއީ ކަނޑައަޅަން ވަރަށް ފަސޭހަ ކަމެވެެ.


އާދެ އެންމެ ގިނަ ބަޔަކު އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ބޯހިޔާވަހިކަމަށެވެ. އުޅޭ ތަނުގެ ކުލި ދެެއްކުމަށެވެ. ގިނަ މީހުންނަށް ލިބޭ އެތިކޮޅުގެ ބޮޑުބައި ހަރަދު ކުރަން ޖެހެނީ އުޅޭ ތަނުގެ ކުލި ދައްކާށެވެ.


ސަރުކާރަށް އާންމުން ކުއްޔަށް މިކުރާ ކުރާ ހަރަދު ކުޑަ ކުރުވެވިއްޖެ ނަމަ އާންމުން އަސާސީ ކަންކަމަށް ކުރާ ހަރަދުގެ ވަރަށް ބޮޑު އިންސައްތައެއް ކުޑަ ކުރެވުނީއެވެ.


ވީމާ އާންމުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމުގެ ގޮތުން، ކުރާ ހަރަދު އެންމެ އަވަހަށް، އެންމެ ފަސޭހައިން، އެންމެ ގިނަ ބަޔަކަށް ކުޑަ ކޮށްދެވޭނެ ގޮތަކީ ބޯހިޔާވަހިކަމަށް ކުރާ ހަރަދު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމެވެ.


މީގައި ޓާރގެޓެއް ގެންގުޅެވިދާނެއެވެ. މިސާލަކަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ބަލާ މިންގަނޑުން ބޯހިޔާވަހިކަމަށް ކުރާ ހަރަދަކީ ގިނަވެގެން އަސާސީ މުސާރައިގެ ⅓ އަށް ނުވަތަ ތިންބައިކުޅަ އެއް ބަޔަކަށް ހެދުމެވެ. އެއީ އަސާސީ އާމްދަނީ އަކީ 10،000 ކަމަށް ބަލާނަމަ 1 ކޮޓަރި ފްލެޓެއް 3،333، ދެ ކޮޓަރި ފްލެޓެއް 6،666 އަދި 3 ކޮޓަރި ނަމަ 10،000 އަށް ވުރެ ރޭޓު ބޮޑު ނުވާގޮތަށެވެ.


މިހައްލު ގެންނަަން ހުރި ހުރަސްތައް ދިރާސާ ކުރުން

ބޯހިޔާވަހި ކަމަށް އާންމުން ކުރާ ހަރަދު ކުޑަ ކުރެވޭނީ ބޯހިޔާވަހިކަމުގެ އަގުތައް ސަރުކާރަށް މަތަ ކުރެވިގެނެވެ. އެކަން ކުރަން ބަލާއިރު ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އާންމުންގެ ގިނަ މީހުން މާލޭ އަދި ހުޅުމާލޭގައި ކުއްޔަށް އުޅޭ ތަންތަނަކީ އަމިއްލަ ފަރުދުން ނުވަތަ އަމިއްލަ ކުންފުނި ތަކުގެ ތަންތަނަށް ވުމެވެ. ކުލި ކޮންޓްރޯލް ބިލެއް ގެނެސްގެން "ތިއިރެޓިކަލީ" އެކަން ކުރިވިދާނެއެވެ. އެހެނަސް އެއީ "ޕްރެކްޓިކަލީ" ރާއްޖޭގައި އަދި ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ސަރުކާރުން އާންމުން ބޯހިޔާވަހިކަމަށް ކުރާ ހަރަދު ކުޑަކުރަން ބަލާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރަށް މީހުން ކުއްޔަށް އުޅޭ ތަންތަނުގެ އަގު ކޮންޓްރޯލް ނުވުމެވެ.


މި ހުރަސްތައް ނައްތާލުން

މި ހުރަސް ނައްތާލަން ސަރުކާރަށް ކުރެވޭނެ ކަމަކީ ދައުލަތުގެ ބިން އިތުރުކޮށް، ސަރުކާރަށް އަގު ކޮންޓްރޯލް ކުރެވޭ ބޯހިޔާވަހިކަން ބިނާ ކުރުމެވެ. އަގުގެ ކޮންމެވެސް ބައެއް ސަރުކާރުން ޒިންމާ ވާގޮތަށް ހަދާ ބޯހިޔާވަހިކަމަކީ އިޖްތިމާއި ބޯހިޔާވަހިކަމެވެ. އޭގެ ތެރޭގައި ކައުންސިލް ހައުސިން، ސޯޝަލް ހައުސިން އަދި އެފޯރޑަބުލް ހައުސިން ހިމެނެއެވެ. ވީމާ ގެންނަން ބޭނުންވާ ހައްލު ގެންނަން ހުރި ހުރަސްތައް ނައްތާލަން ކުރަން ޖެހޭ ކަމަމީ ދައުލަތުގެ ބިން އިތުރުކޮށް، ސަރުކާރުގެ ބޯހިޔާވަހިކަން އިތުރު ކުރުމެވެ.

އެގޮތުން އެންމެ ފަހުން ކުރެވުނު ކަމަަކީ ހުޅުމާލެ ފޭސް-2 ހިއްކުމެވެ. ދައުލަތުގެ ބިން އެވީ އިތުރެވެ. ދެން ޖެހޭނީ އެތަނުގައި ސަރުކާރުގެ ބޯހިޔާވަހިކަން މަދު ނުވާވަރަށް ތަރައްގީ ކުރާށެވެ. ބިން ތަދަސް އެއްކޮށް އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުން ނުކުރެވޭނެއެވެ. ޒަމާނީ ސިޓީއެއް ގޮތަށް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނީ ވަރަށް ގިނަ އެހެން ކަންކަން ފުރިހަމަ ވެގެނެއެވެ. އެކަމަކު އެއީ އެހެން ދުވަހެއްގެ އެހެން މައުލޫއެކެވެ.


މި ދެންނެވި މަގުން ފޭސް-2 ގެ ބިންތައް މިހާރު ވަނީ ހިއްކާފައެވެ. އަދި އިޖްތިމާއީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ނިމި މީހުންވަނީ ދިރިއުޅެންވެސް ފަށާފައެވެ. އެހީ ހިޔާ 7،000 ފްލެޓުގެ މަޝްރޫއެވެ.


ހިޔާ ފްލެޓުތައް އެކަން ކުރަންޖެހޭ ގޮތަށް ފިނިޝިންއާއެކު ނިންމާ ހަވާލު ކުރިނަމަ މިލިޔުން ފަށަމުން ދެންނެވި އަސާސީ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެނީ ކިހިނެއް ހެއްޔެވެ؟


މިސާލަކަށް ބަލަމާ ހިންގަވާށެވެ. ފްލެޓުތަކަށް ބަދަލުވި ގިނަ މީހުންނަކީ ކުރިން 15،000-20،000 މަހު ކުއްޔަށް ދައަކައިގެން އުޅުނު މީހުންނެވެ. ފްލެޓުތައް ދޭން ޖެހޭ ގޮތަށް ފިނިޝިން ނިންމާފަ ދިންނަމަ ކުރިން އެ ކުލި ދީގެން، އެތައް ބައެއް އެކުއެކީ އުޅުނު އާއިލާތަށް، އިތުރު ހަރަދެއް ނުކޮށް 6،000 ވަރަަކަށް ރުފިޔާގެ ކުއްޔެެއް ދައްކައިގެން އުޅެވޭ ފްލެޓަކަށް ވަދެވުނީއެވެ.


ކުރިން ކުއްޔަށް ދެއްކިވަރު ކުޑަ ވުމުން "ސޭވް ކުރެވޭ" ވަރު ކުރިއަށް ވުރެ އިތުރުވާނެއެވެ. އެއޮތީ އާންމުން އަސާސީ ބޯހިޔާވަހިކަމަށް ކުރާ ހަރަދު ސަރުކާރަށް ކުޑަ ކޮށްދެވިފައެވެ.


7،000 ފްލެޓުގައި މިހާރު އުޅޭ ފަރާތްތަކަކީ، އޭގެ ތެރެއިން 6،500 މީހުން ކުރިން އެވްރެޖްކޮށް މާލޭގައި އުޅުނު ތަނަށް 15،000 ދެއްކިޔަސް، އެއްކޮށް މަހެއްގެ މައްޗަށް މަދުވެގެން 100،000،000 ކުއްޔަށް ހަރަދު ކުރަމުން ދިޔަ މީހުންނެވެ. މިއީ ކުޑަ އަދަދެއް ނޫނެވެ. އެ 100،000،000 ކުރިން ލިބުނީ ކުލީގެ ވިޔަފާރި ކުރި މީހުންނަށެވެ. ވީމާ އިޖްތިމާއީ ބޯހިޔާވަހިކަމަކީ ކުލީގެ ވިޔަފާރިވެރިން އަބަދުވެސް ދެކޮޅުވާނެ ކަމެކެވެ.


ކޮންމެ އަކަސް ހިޔާ ފްލެޓުގެ ވާހަކަ މިދެއްކީ ކުރިން ދެއްނެވި ވާހަކަތައް މިސާލަކުން ކިޔާދޭށެވެ. ކުރާ ހަރަދު ކުޑަކުރެވުނީމައި ލިބޭ އެތިކޮޅުން "ސޭވް" ކުރެވޭ ވަރު ގިނަވެއެވެ. އާންމުންގެ ފަރުދީ މާލީ ތަނަވަސްކަން ނުވަތަ ހަރަދު ކުރުމުގެ ގާބިލްކަން (ޕާޗޭސިން ޕަވާ) އިތުރުވާނެއެވެ.


އޭގެ ސަބަބުން ކުރިން ނުކުރާ ހަރަދު ކުރަން ފަށާނެއެވެ. އެ ސަލާމަތްވާ ލާރިން ކޮންމެވެސް ކަމެއް ކުރަން ފަށާނެއެވެ. އެކި މީހުން ކުރާނީ އެކި ކަންކަމެވެ. ބައެއް މީހުން ކޮފީ ބުއިން އިތުރުވާއިރު އަނެއް ބަޔަަކަށް ޖިމަށް ދާން ހަރަދު ކުރާނެ ލާރި ކޮޅެއް ލިބުނީއެވެ. ބައެއް މީހުން އަނބިދަރިންނަށް ކުރާ ހަރަދު ގިނަ ކޮށްލާއިރު އަނެއް ބަޔަކު ލަކްޒަރީ ފްލެޓު ގަންނަން ސޭވް ކުރަން ފަށާނީއެވެ.


އަދި އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ރަށުގައި ކޮންމެވެސް ކަމެއް ފަށަން އިންވެސްޓު ކުރާނެ ލާރިކޮޅެއްވެސް "އަތަށް އެރީއެވެ". އެހިސާބަށް ދާއިރު ރަށުގެ އަސާސީ ހިދުމަތް ފުރިހަމެ، ދަތުރުފަތުރު ކުރުމުގެ ނިޒާމް ހަރުދަނާކޮށް އޮވެެއްޖެނަމަ ރަށުގައި ކަންކަން ކުރަން ފެށޭނެއެވެ. ޕާރޗޭސިން ޕަވާ ނުވަތަަ މިގޮތަށް މާލީ ފުދުންތެރިކަން އިތުރު ކޮށްގެން އިގްތިސާދަށްވާ ފައިދާ އަދި އެކަން ނުކޮށް މީހުންނަށް މާލެ ސަރަހައްދު ދޫކޮށް ނުުދެވޭނެކަން އެއީ އަނެއްކާވެސް ދިގު ލިޔުންތައް ލިޔަންޖެހޭ މައުލޫއެއް ކަމުން އެބަޔަށް އިތުރަށް ނުގޮސް މަޑު ކޮށްލާނަމެވެ.


ވީމާ މިހާތަނަށް އަޅުގަނޑުމެންނަށް އެނގުނީ ކޮންކޮން ކަންތައް ތަކެއް ތޯއެވެ؟

އަޅުގަނޑުމެން ފުރަތަމަ ކަނޑައެޅީ އަސާސީ ހަރަދު އަސާސީ މުސާރައަށް ވުރެ ބޮޑުވުމަކީ ގިނަ މައްސަލަތަކުގެ އަސްލުކަމެވެ. ދެން ވިސްނީ އެކަން ހައްލު ކުރަން ކުރެވޭނެ ކަންކަމެވެ. އެ ވާހަަކައިގެ ތެރެއިން ނިންމީ އެންމެ ޕްރެކްޓިކަލް ގޮތަކީ ކުރާ ހަރަދު ކުޑަ ކުރުން ކަމަށާއި ހަރަދު ކުޑަކުރަން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ބޯހިޔާވަހިކަމަށް އާންމުން ކުރާ ހަރަދު ކުޑަކުރުން ކަމަށެވެ. އަދި އެކަން ކުރަން ކުރަންޖެހޭ ކަމަކީ ދައުލަތުގެ ބިން އިތުރުކޮށް އިޖްތިމާއި ބޯހިޔާވަހިކަން އިތުރު ކުރުން ކަމަށެވެ.


ވީމާ ހިޔާ ފްލެޓް ތަކަކީ ވަރަށް ގިނަ މައްސަލަ ހުއްޓަސް އެ މިސްރާބަށް އެޅުނު ރަނގަޅު ބޮޑު ފިޔަވަޅެކެވެ. ދެން ކުރަން ޖެހޭ ކަމަކީ ހިޔާ ފްލެޓުތަކަށް ވުރެ ތަނަވަސް އެއަށް ވުރެ އަގު ކުޑަ، އެއަށް ވުރެ އަދި ގިނަ ތަންތަން އަޅާ، އަމިއްލަ މީހުންގެ ތަންތަނަށް ބޮޑު ކުލިދީގެން އުޅޭ ވީހާވެސް ގިނަ ބަޔަކު އިޖްތިމާއީ ބޯހިޔާވަހިކަމަށް ބަދަލުކޮށް، އެމީހުން ބޯހިޔާވަހިކަމަށް ކުރާ ހަރަދު ކުޑަކޮށް، އެމީހުންގެ ސޭވިން އަދި ހަރަދު ކުރުމުގެ ގާބިލްކަން އިތުރު ކުރުމެވެ.


ހުޅުމާލެ ފޭސް-2 ގައި ހިޔާ ފަދަ އިތުރު 100 ޓަވަރު އެޅޭނެ ޖާގަ އެބަ އޮތެވެ. އެތަންތާ ހިޔާއަށް ވުރެ ރަނގަޅު ފެންވަރުގެ ޓަވަރު އަޅާ 30،000 -40،000 ފްލެޓް އެޅިދާނެއެވެ. ވެރިކަމަށް ރައްޔިތުން ހޮވާ ބައެއްގެ ގާބިލްކަމަށް ބިނާކޮށް އެކަން 5 އަހަރުންވެސް ކުރެވިދާނެއެވެ. ނޫނީ 10 އަހަރުވެސް ނަގާފާނެއެވެ. އެހެނަސް އެއީ ގާތްގަނޑަކަށް 150،000-180،000 މީހުންގެ އާބާދީއެއް އަގުހެޔޮ ބޯހިޔާވަހިކަމަށް ބަދަލު ކުރެވޭނެ ފުރުސަތެކެވެ. އެވަރު ބޮޑު އާބާދީއެއް މިހާރު ކުއްޔަަށް ކުރާ 15،000-20،000 ގެ ހަރަދު 5،000-8،000 ކުޑަ ކުރެވިއްޖެނަމަ އެމީހުން އަތުން އެސަލާމަތް ވެވެނީ މަހެއްގެ މައްޗަށް ކުއްޔަށް ކުރާ އެތައް ބިލިއަން ރުފިޔާގެ ހަރަދެވެ. އަދި މީގެ އިތުރުން އެވަރަށް އިޖްތިމާއީ ބޯހިޔާވަހިިކަން ބިނާ ކުރުމުގެ މާކުރިން، އޭގެ ސަބަބާއި ހެދި އަމިއްލަ ތަންތަނުގެ ކުލިވެސް ކުޑަވާނެއެވެ، ވީމާ ސަރުކާރުން ކުރަންޖެހޭ ކަމަކީ ކުލީގެ މާކެޓުގެ އަގުތައް ސަރުކާރަށް ކޮންޓްރޯލް ކުރެވެންދެން އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫތައް ކުރިއަށް ގެންދިއުމެވެ.


އަޅުގަނޑުމެން ސަރުކާރުގެ ބޯހިޔާވަހިކަން ނުވަތަ އިޖްތިމާއީ ބޯހިޔާވަހިކަން އިތުރު ކުރުމަށް ވަކާލާތު ކުރަނީ މި ސަބަބުތަކާ ހެދިއެވެ. ފްލެޓު އަޅަން ގޮވާލަނީ ގޯއްޗަކަށް ވުރެ ފްލެޓެެއް ކަމުދާތީނޫނެވެެ. އެެހެން ގޮވަނީ "ޔޫޓީލިޓީގެ" އުސޫލުން ބިންތަދު މާލެ ސަރަހއްދުގައި އެންމެ ގިނަ ބަޔަކަށް، އެންމެ ބޮޑު ނަފާ ހޯދާ ދެވެން އޮތީ ފްލެޓު އަޅައިގެން ކަަމަށް ވާތީއެވެ.


އެހެނަސް މިހާރު ބަހާލަން އުޅެނީ އެކަން ކުރަން ހުޅުމާލޭ ފޭސް2 ގައި ހުރި ބިންތަކެވެ. އެ 1200 ގޯތި ދައުލަތުގެ މިލްކިއްޔާތުން ބޭރުކޮށް، 1200 ވަރަކަށް މީހުންގެ ހަރު މުދަލަށް ހެދުމުން އަނެއްކާ އަނބުރާ ދެވޭނީ ކުރިން އޮތް ހާލަތަށެވެ. އެ 1200 ގޯތީގައި ބިނާ ކުރާ ތަންތަނުގެ ކުލި ސަރުކާރަށް ކޮންޓްރޯލް ނުކުރެވޭނެއެވެ، އަދި ބަހާ ނިމޭއިރު އިތުރު އިޖްތިމާއީ ބޯހިޔާވަހިކަމެއް އަޅާނެ ޖާގައެއް ހުޅުމާލެ ފޭސް2 ގައި ނޯންނާނެއެވެ.


އޭރުން ވާނެ ގޮތް، ވާން މިއުޅޭ ގޮތް، ގެއްލިގެން މިދާ ފުރުސަތާއި އެއީ އަނބުރާ ބަދަލު ނުކުރެވޭނެ ހަލާތެއްކަމާއި އެއީ ކީއްވެގެންކަން ތިބޭފުޅުން ވިސްނަވާށެވެ. އަދި މީކީ އެއްވެސް ހާލަތެއްގައި މާލޭގެ ނިަކަމެތި ރަށްވެހިންނަށް ބޯހިޔާވަހިކަން ދޭންކުުރާ ކަމެއް ނޫން ކަމާއި، މީގެ ސަބަބުން ހުޅުމާލެން ގޯތި ނުލިބޭ ހުރިހާ މާލޭ ރަށްވެހިންވެސް ޖެހޭނީ ހަމަ އެއް ދަންތުރައެއްގައި ކަން އަދި އެހެންވާނެ ގޮތް ވިސްނަވާށެވެ.


މި ލިޔުމުގެ ދެވަނަ ބާބުގައި އަޅުގަނޑު އަލިއަޅުވަލާނީ އެކަންކަމަށެވެ.






Related Posts

See All

Comments


bottom of page