top of page
މިދުއަމް ސައުދު

ހަތަރު އަހަރު ފަހުން ފްލެޓަށް ޝަރުތު ހަމަވާ އުސޫލު ބަދަލުކުރީ ހަމަކުރިން އޮތްގޮތަށް

22 ޖޫން 2023


5 އަހަރު ސިވިލްސާވިސްގެ އެތައް ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތައް އިންތިޒާރުގައި ބައިތިއްބާފައި ސަރުކާރުން އެންމެ ފަހުން ގޮތްދޫކޮށް، ހިޔާގެ ސިވިސް ސާރވިސް ބައިގައި ކުރީ ސަރުކާރުންވެސް ގެންގުޅުނު އުސޫލަށް ރުޖޫއަ ވެއްޖެެއެވެ.


ވީގޮތް

ހިޔާ މަޝްރޫއު ކުރީގެ ރައީސް ޔާމީން ސަރުކާރުގައި އާންމުންނަށް ހުޅުވާލި އިރު އޭގެ ތެރެއިން 1000 ހިޔާ ފްލެޓު ހާއްސަ ކުރީ ސިވިސް ސާވިސް މުވައްޒަފުންނަށެވެ. އެކި ވުޒާރާތަކަށް ފްލެޓުތައް ހަވާލުކޮށް، ދޭނެ މުވައްޒަފުން ކަނޑައެޅުން ދޫކޮށްލީ އެވުޒާރާ ތަކަށެވެ. ވުޒާރާތަކުން ސިވިސް ސާވިސް ފްލެޓު ލިބޭނެ ފަރާތްތައް ބިނާވެގެން ވާނީ އެވުޒާރާ އަކަށް ލިބުނު ފްލެޓުގެ އަދަދު އަދި ފްލެޓަށް ކުރިމަތިލާ މީހުންގެ އަދަދަށެވެ. ވިމާ އެއް ވުޒާރާ އާއި އަނެއް ވުޒާރާގެ މީހުންނަށް ލިބުނު ޕޮއިންޓް އަޅާ ނުކިޔޭނެއެވެ. އަދި ސިވިސް ސާވިސް ބައިން ލިބޭ ޕޮއިންޓް އެހެން ކެޓެގަރީ ތަކާއި އަޅާނުކިޔޭނެއެވެ.


ސަރުކާރު ބަދަލުވުން

ސަރުކާރުން ބަދަލުވެގެން ހިޔާ ފްލެޓުތަކުގެ އުސޫލުތަކާ "ކުޅުނު ކުޅުމުގެ" ތެރޭގައި ސިވިސް ސާވިސް ކެޓެގަރީއަށްވެސް "އަތް ބާނާ" ގަޑުބަޑު ކުރިއެވެ. އަލަށް އައި ސަރުކާރުގެ "މާމޮޅު" ހައުސިން ވަޒީރު، އަސްލަމް، ހަމަ ކުއްލި ގޮތަކަށް އާ އުސޫލެއް ހައްދަވައިފިއެވެ.


މާމޮޅު އުސޫލެއް ކަމަށް ހަބަރު ތަކުގެ އޭރު "މާކެޓުކުރި" އެއުސޫލުގެ ދަަށުން 50 ޕޮއިންޓަށް ވުރެ މަދުން ލިބޭ އެންމެންނަކީ ފްލެޓަށް ޝަރުތު ހަމަނުވާ މީހުން ކަމަށް ނިންމައިފިއެވެ. އޭގެ ސަބަބުން އަންނާނެ "އިމްޕްލިކޭޝަނަކަށް" ނުބައްލަވައެވެ. އަޅުގަނޑުމެން އަދި އެހެން ވަރަށް ގިނަ "މޮޅުނޫން" މީހުންގެ ވާހަކަ އައްސަވާކަށް ބޭނުންފުޅުވެސް ނުވީއެވެ.


މައްސަލަ

ސިވިލް ސާވިސް ކެޓެގަރީ އާއި އެހެން ކެޓެގަރީތައް ތަފާތެވެ. ފްލެޓު އެލޮކޭޝަން ތަފާތެވެ. ޕޮއިންޓު ދޭ އުސޫލު ތަފާތެވެ. ހާލަތު ވަޒަން ކުރާގޮތްވެސް ތަފާތެވެ. ވީމާ ޕޮއިންޓުދޭ އުސޫލު ތަފާތު ދެކެޓެގަރީއެއްގެ ޝަރުތު ހަމަވާ ގޮތް އެއް އުސޫލަކުން ނުބެލޭނެތާއެވެ. އެއީ އެއުސޫލަކީ ޕޮއިންޓަށް ރިއާޔަތްކޮށް ހަދާފައިވާ އުސޫލަކަށް ވާތީއެވެ.


މިވާހަކަ "ދަކޮމަނާސް" ގެ ކޮތަރުކޮށި ޕްލެޓްފޯމުގައި ވަރަށް ހަރުކޮށް ދެކެވުނެވެ. މީސްމިޑިއާ ޕޯސްޓުތަކާއި ޓީވީ ޕްރޮގްރާމުތަކުގައިވެސް ދެކެވުނެވެ. އެހެނަސް "މާމޮޅު" ވަޒީރު ހަމަ ގޮތް ދޫނުކުރެއްވެވިއެވެ.


އެހެނަސް ސަރުކާރުން ހީފުޅުކުރެއްވެވި ގޮތާއި ހިލާފަށް އެ މައްސަލައިގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ދޫ ނުދެއްވިއެވެ. އެކަމާއި ގުޅިގެން ރައްޔިތުން މަޖިލީސް ދޮށަށް އަޅުގަނޑުމެންނާއެކު އެއްވެ، ރައީސް އޮފީހާއި މަޖިލީހާއި މެންވަރުންނަށް ސިޓީ ލަމުން ގެންދިޔައެވެ. ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، ހަފްލާތަކުން ދިމާވާ ވަޒީރުން އަރިހު އެ ޝަކުވާތައް ކުރަމުން ގެންދިޔައެވެ. މި މަސައްކަތުގައި ހެލްތް އަދި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ.


ކަން ނިމުނުގޮތް

މާމޮޅު ވަޒީރު ހެއްދެވި މާމޮޅު އުސޫލުން ދޫކޮށްނުލައްވާ، ގޮތް ދޫނުކުރައްވަވާ ހަތަރު އަހަރާއި ބައި ހޭދަ ކުރުމަށް ފަހު މިއަދު "ކެބިނެޓު މީޓިން" އަކުން އަނެއްކާވެސް މާމޮޅު ނިންމުމެއް ނިންމައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި ކެބިނެޓު ވަޒީރުން ހަތަރު އަހަރާއި ބައިގެ ތަޖުރިބާ އަދި ދިރާސާއަށް ފަހު މިއަދު ކުރައްވަވަން ނިންމެވީ ކޮންކަމެއް ތޯއެވެ؟


އާދެ މިއަދު އެބޭފުޅުން ނިންމެވީ ހަމަ ކުރިން އޮތް ގޮތަށް އެ އުސޫލު ބަދަލު ކުރުމަށެވެ.


އަޅެފަހެ ސަބަބުވެރި ސިކުނޑިއެއްގެ ވެރިއެެއް ހައިރާނެއް ނުވާނެތޯއެވެ.


ވެރިކަމާއި ހަވާލުވި އިރު އޮތް އުސޫލު "ކަޑަ" ވީއެވެ. އެހިނދު "މާމޮޅު" އުސޫލެއް ހެދީއެވެ. އެ އުސޫލުގެ މޮޅުކަމުން ގޮތް ދޫނުކުރީއެވެ. އެ ގޮތްދޫނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ސިވިލްސާވިސް އެތައް މުވައްޒަފުންނެއް އެތައް ގިނަ އުދަގޫތަކެއް ތަހައްމަލަން ކުރަން ޖެހުނީއެވެ. ސިޓިބިޓީ އެތަން މިތަނަށް ލާން ޖެހުނީއެވެ. ފޭސް ބުކާއި ޓުވިޓަރުގައި އޭތި މީތި ލިޔަން ޖެހުނީއެވެ. ރައީސް އޮފީހާއި މަލިޖީހަށް ހިނގާ ދުވާ ޖެހުނީއެވެ. އެމީހުންގެ އާއިލާތައް ފްލެޓުގެ އިންތިޒާރުގައި ފަސް އަހަރު އުޅެން ޖެހުނީއެވެ.


މިހުރިހާ ތަކުލީފެއް، މި ހުރިހާ ބުރަ އަކާއި ވޭނެއް ތަހައްމަލް ކުރަން އާންމުންނަށް މި ޖެހުނީ ސަރުކާރުގެ ނާގަބިލް ކަމުންނެވެ. ތަފާތު އުސޫލަކުން ޕޮއިންޓް ދޭ ދެ ކެޓެގަރީއެއް އެއް އުސޫލަކުން ނުމިނޭނެކަން ބާލިއުވެފައި ތިބި ޖާނުން ވަރުގަދަ ފިރިހެނުން ތަކަކަށް ހަމަ ނޭނގުނީމައެވެ. އެވަރު ނޭނގޭކަންވެސް ނެނގުނީމައެވެ.


ވީމާ މުލިޔާގެއާއި، ރައީސް އޮފީސް އަދި ހައުސިން ވުޒާރާގެ ފިނި ކޮޓަރިކޮޅުގައި ތިއްބެވި ވެރިން ކަމަށް ކިޔާ ފުޅުފުޅުންގެ، ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ، އަނެއްކާ މާމޮޅު ނިންމުމެއް ކެބިނެޓުން ނިންމީ ކަމަށް ބުނެ، ސްޓެލްކޯ އެމްޑީ ފަހުރުވެރިކަމާއެކު ފައިސާ ދޭ ނޫސްތަކުން ލިޔުއްވުމުގެ ބަދަލުގައި، ބޭކާރު ގޮތުގައި އުސޫލު ބަދަލުކޮށް އެއިން "ނެެއްޓި ވަޑައިގަންނަވަން" ނޭނގި ބޭކާރުވި ހަތަރު އަހަރާއިބައި ގައި ހާލުގައި ޖެއްސި އާންމުންގެ ކިބައިން ފުރަތަމަ އެދިވަޑައިގަންނަވާނީ މާފަށެވެ.



Comments


bottom of page