top of page
މިދުއަމް ސައުދު

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ 34 ފްލެޓު ގެއްލިއްޖެ، ސަރުކާރު އޮތީ ހަނު

ފެން ކުންފުނީގެ ފްލެޓުން ސަރުކާރަށް 36 ފްލެޓު ނެގި
އޭގެ ތެރިން 34 ފްލެޓު ދޭން ނިންމީ އެޗް14 ފްލެޓު ލިބުނު މީހުންނަށް
އެ ފްލެޓު ތަކަށް ވީނުވީއެއް އެނގޭ މީހެއް ނެތް

4 ޖޫން 2023


ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއު ދަށުން މިހާރު ފެންނަން ހުރީ ހިޔާ 7000 ފްލެޓު ތަކުގެ އިތުރަށް ހިޔާ ދެ ކޮޓަރީގެ އިތުރު 2،500 ފްލެޓު އަދި އެއް ކޮޓަރީގެ 1200 ފްލެޓުގެ މަސައްކަތް ފެށުނެވެެ.


އެއް ކޮޓަރި ފްލެޓު ތަކަށް ހުޅުވާލި ކެޓެގަރީ ތަކަކީ އެޗް11 އިން އެޗް15 އަށެވެ.


މި ފްލެޓު ތަކަކީ މިއީ އޭރު ސަރުކާރުގެ ކުންފުނި ތަކުން ހުޅުމާލެ ފޭސް-2 ގައި އަޅަން ފެށި ޓަވަރުތަކުން ސަރުކާރާއެކު ހެދި އެއްބަސް ވުމުގެ ދަށުން ދޭން ކަނޑައެޅި ތަންތަނެވެ.


ސަރުކާރު ބަދަލުވެގެން އާ ރައީސް އިބްރާހިމްގެ ގެދޮރުވެރިކަމުގެ ސިޔާސަތު ބަދަލުކޮށް، އެއް ކޮޓަރި ތަންތަން ސަރުކާރުން ބޭނުން ނޫން ކަަމަށް ނިންމިއެވެ. މީގެ މައިގަނޑ ސަބަބެއް ކަމަށް ސަރުކާރުން ބުނަމުން ގެންދިޔައީ ދިވެހިންނަަކީ އާއިލާ އެންމެނާއެކު އެއް ތަނެއްގައި އުޅެން ބޭނުންވާ ބަޔަކަށް ވާތީވެ އެއް ކޮޓަރި ތަންތަން ބޭނުންވާ ދިވެހިން ނޫޅެއެވެ.


ސަރުކާރުގެ ސިޔާސަތު ބަދަލުކޮށް އެއް ކޮޓަރި ކެޓެގަރީތައް އުވާލައި އެ ބައިން ފްލެޓު ލިބިފައިތިބި 1621 ފަރާތަށް ފްލެޓު ނުދޭން ނިންމިއެވެ.


އެ ނިންމުމުގެ ސަބަބުން ބޯހިޔާ ވަހިކަމުގެ ކަންތައްތަކަށް ވަކާލާތު ކުރާ އާންމުންގެ ޖަމިއްޔާއިން އަޑު އުފުލިއެވެ. އަދި މީޑިއާތަކުގެ އެހީގައި މިކަމަށް ސަމާލުކަން ހޯދަން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވަޒީރު އަސްލަމް މަޖިލީހަށް ހާޒިރު ކޮށް ސުވާލު ކުރެވުނެވެ.


ވަޒީރު އަސްލަމް މަޖިލީހުގައި ވިދާޅުވީ މިހާރު ސަރުކާރަށް ދެން އެއް ކޮޓަރި ފްލެޓު ނެގެން ނެތް ކަމަށެވެ. ހަމައެކަނި ނެގެން އޮތީ މޯލްޑިވްސް ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީއިން ފޭސް-2 ގައި އެޅި ޓަވަރުން ނެގެން އޮތް 36 އެއްް ކޮޓަރި ފްލެޓު ކަމަށެވެ. އެ 36 ފްލެޓު ސަރުކާރަށް ނަގައި ހިޔާ އެޗް14 (ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް) އަށް ދީ ބާކީ ހުރި އެއްކޮޓަރި ފްލެޓުތައް މާލޭ ރަށްވެހިންގެ ކެޓެގަރީއަށް ދޭން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅިވިއެވެ.


އަދި ހަމަ އެހެންމެ 18 ފެބްރުވަރީ 2021 ވަނަ އަހަރު އެ ވުޒާރާއިން ނެރުނު އިއުލާނުގައި އެ 36 ފްލެޓު ސަރުކާރަށް ނަގައި އެޗް14 އަދި އެޗް12 ގެ ފަރާތްތަކަށް ދޭން ނިންމި ވާހަކަ ޝާއިއު ކުރިއެވެ.


އެހެނަމަވެސް މިއަދު މިހާހިސާބަަށް އައި އިރުވެސް އެ 36 ފްލެޓަށް ވީގޮތެއް އެނގޭ މީހަކު ނެތެވެ. އޭގެ ތެރެއިން 34 ފްލެޓުގެ އިންތިޒާރުގައި ހާއްސައެހީއަށް ބޭނުންވާ 34 އާއިލާ ތިބޭތާ 2 އަހަރު ވެއްޖެއެވެ.


އެ ބައިން ފްލެޓު ލިބުނު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ ކިޔާ ދިނެވެ

އަޅުގަނޑުމެން މިތިބީ ވާނުވާގައި، ކިހާ ދުވަހެއް މި އިންތިޒާރުގައު ތިބޭތާ، ކޮންމެ ހަފްތާއަކުހެން ހައުސިން މިނިސްޓްރީއަށް ގުޅަން، އެތައް ފަހަރަކު ގޮއްސިން، އަޅުގަނޑުގެ ފްލެޓަަށް ވީގޮތް ކިޔާދޭން އެނގޭ މީހަކު ނެތް

މިކަމާއި ގުޅިގެން އާންމުންގެ ޖަމްއިއްޔާއިން ވަނީ އެތައް ބަޔާނެއް ނެރެފައެވެ. އެހެނަސް ސަރުކާރުން ޖަވާބުދާރީއެއް ނުވެއެވެ. މި މައްސަލައިގައި މިހާރު މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތަށް އެދިފައިވާ ކަމަަށް އެ ޖަމްއިއްޔާއިން ބުނެއެވެ. މިހާތަނަށް އަދި މިނިސްޓްރީން އެއަށް ޖަވާބެއް ނުދޭކަމަށާއި އެ ޖަވާބު ސިއްރު ކޮށްގެން ތިބެންޖެހޭ ސަބަބެއް ނޭނގޭ ކަމަަށްވެސް އެ ޖަމްއިއްޔާއިން ފާހަނގަ ކުރިއެވެ.


Comments


bottom of page