top of page
މައުމޫނު އަލީ

އިންސާނާގެ ދުލުގެ ބާރު!

7 ޖޫން 2023


އިންސާނާގެ ދުލަކީ ، ﷲ ގެ ރަޙުމަތްފުޅުން ، އިންސާނާއަށް ދެއްވާފައިވާ އެންމެ އަގުހުރި އެއް ގުނަވަނެވެ.


ދުލަކީ އިންސާނާގެ ތަޞައްވުރު މީސްތަކުންނަށް ހުށަހަޅައިދޭ ގުނަވަނެވެ. ދުލުގެ ބޭނުން ހެޔޮގޮތުގައިކޮށް، ދުލުން ހެޔޮބަސްބުނާމީހާއަށް ﷲ ގެ ރަޙުމަތްފުޅު ތަނަވަސް ވެގެންވެއެވެ.


މީސްތަކުންގެ ލޯތްބާއި އިޙްތިރާމް ކަށަވަރުވެގެން ވެއެވެ. އެއާ ޚިލާފަށް، ދުލުގެ ބޭނުން ނަހަމަގޮތުގައިކޮށް، ދުލުން ހުތުރުބަސްބުނާމީހާގެ މައްޗަށް މާތްﷲ ގެ ކޯފާއާއި ޢަޒާބު ޙައްޤުވެގެން ވެއެވެ. އަދި މީސްތަކުންގެ ނަފުރަތާއި ފޫހިން ، އެމީހަކު ދުނިޔެއިން ބާކީވެގެން ވެއެވެ.


ހަތްއުޑުމަތިން ﷲ ތަޢާލާ ބާވައިލެއްވި ، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން، އަލްޙުޖުރާތު ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގެ މާނައިގާ ވެއެވެ.


" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ، އެ ފުރައްސާރަކުރިމީހުންނަށްވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ.


އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަކުރިމީހުންނަށްވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ.


އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ ! ( އެބަހީ : އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ ! )

އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ !

އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި ( އެކަންތަކުން ) ތަވްބާ ނުވިމީހާ ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ.


އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ !

ހަމަކަށަވަރުން ، ބައެއް ހީއަކީ ފާފައެކެވެ.

އަދި ، ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މުޅަމަސް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ ؟ ފަހެ ، ތިޔަބައިމީހުން އެކަމަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ ! ހަމަކަށަވަރުން ، ﷲ އީ ، ގިނަގިނައިން ތަވްބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.


އިބްނު ޢުމަރުގެ އަރިހުން ނާފިޢު ރިވާކުރައްވާފައިވާ ހަދީސްފުޅެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރެއްވިއެވެ.

މީސްތަކުންކުރެ އެމީހާ ދައްކާ ވާހަޔަކުން މީސްތަކުންނަށް ފައިދާއެއްލިބޭ މީހާގެމައްޗަށް ﷲ ގެ ރަޙުމަތްފުޅު ތަނަވަސް ވެގެން ވެއެވެ. އަދި (މީސްތަކުންގެ ) ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ހަނުހުންނަ މީހާގެ މައްޗަށްވެސް މެއެވެ

އިންސާނާގެ ގުނަވަންތަކުން އެންމެ ބާރުގަދަ ގުނަވަނަކީ ދުލެވެ.


ﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމަށް ފިޔަވައި އިންސާނާ ދައްކާ ވާހަކަޔަށް އެއިންސާނާ މަސްއޫލުވާން ޖެހޭނެއެވެ. މީސްތަކުންނަށް ރަނގަޅާއި ނުބައި ވަކިކޮށް ދެނެގަތުމުގައި މަގުދެއްކުމަށް ދައްކާ ވާހަކަ ފިޔަވައެވެ.


އަޞްޙާބު ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޢާޛު އިބްނު ޖަބަލް ، އެއްދުވަހަކު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލައަށް ދެންނެވިއެވެ.


ﷲ ގެ ރަސޫލާއެވެ ! އަޅުގަނޑުމެން ދައްކާ ވާހަކައަށް ޒިންމާވާންޖެހޭނެ ތޯއެވެ ؟


ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަވާބު ދެއްވިއެވެ.

އިންސާނާ ނަރަކަޔަށް ގެންދިއުމުގައި ޙަރަކާތްތެރި ދޫ ފިޔަވައި އެހެންގުނަވަނެއް ވޭހެއްޔެވެ؟ އެހެންވީމާ، ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާ މީހާ އޭނާގެ ދޫ ރައްކާތެރިކުރާ ހުށިކަމެވެ

މަތީގައިވާ ދެ ޙަދީސުން ފުރަތަމަ ޙަދީސަށް ބަލާއިރު އެހެން ހުރިހާ ގުނަވަނަކަށްވުރެ ބޮޑަށް އިންސާނާގެ ނަފްސުގެ މައްޗަށް ބާރުހިނގާ އެހެން ގުނަވަނެއް ނުވެއެވެ.


ދުލަކީ އަބަދުވެސް އިންސާނާގެ ތަޞައްވުރަށް ތައްޔާރަށް އޮންނަ ގުނަވަނެކެވެ. މިސާލަކަށް ފެންފޮދެއް ބުއިމުގައި ކުރިން ފުރިހަމަވާންޖެހޭ އިތުރު ކަންތައްތަކެއް ހުރެއެވެ. އެހެނަސް ވާހަކަ ދައްކާ މީހާއަށް ކުރިން ފުރިހަމަވާންޖެހޭ އެއްވެސްކަމެއް ނޯވެއެވެ.


ދުލުގެ ނުރައްކާތެރިކަމަކީ އެހެންއެއްވެސް ގުނަވަނަކާ ނުބައްދަލު ނުރައްކަލެކެވެ. ދުލުންކުރާ މައިގަނޑު ފާފަ އެހެން އެއްވެސް ގުނަވަނަކުން ކުރާ ފާފައަށްވުރެ އެތައް ގުނައެއް އިތުރެވެ.


ދީނީ ޢިލްމުވެރިން ޤަބޫލުކުރައްވާގޮތުގައި ދުލުންކުރެވޭ ފާފައިގެ ޢަދަދު ވިހި ނުވަތަ ތިރީހަށް އަރައެވެ. ދުލުންކުރެވޭ ފާފަޔަކީ މީސްތަކުންގެ ޙާޟިރުގައި އެކަން ކުރެވޭއިރު ޤަބޫލުކުރަން ދަތި ނުވަތަ ފަސޭހަ އެއްޗެކެވެ. ދުލުންކުރެވޭ އެފަދަ ފާފައިގެ ފަހަތުގައި އެތައް ނުރައްކަލެއް އޮވެއެވެ. އެތައް ގެއްލުމެއް ލިބެއެވެ.


އިންސާނާ ޖިންސީގުޅުމެއް ހިންގާއިރު އެއީ މީސްތަކުންގެ ޙާޟިރުގައި ކުރެވޭ ވަރަށް ގޯސް ކަމެކެވެ. އެކަމަކު އިންސާނާ ތިމާގެ އަޚާގެ މުޅަމަސް ކައި ދެބައޮޑުވައިފިނަމަ އިސްލާމީ ހަމަތަކުން ބަލާއިރު އެއީ ޖިންސީގުޅުން ހިންގުމަށްވުރެ އަދި ރާ ބުއިމަށްވުރެވެސް އަދި އެކަމުގެ އަދަބަށް ވުރެވެސް ބޮޑުކަމެކެވެ.


އެހެނަސް ޢާންމުގޮތެއްގައި އެހެންމީހުންގެ އިޢުތިޤާދުގެ ދަށުން ތިމާގެ އަޚާގެ މުޅަމަސްކައި ދެބައޮޑުވުމަކީ ކުޑަކަމެއްކަމުގައި ވިސްނިދާނެއެވެ. ނުވަތަ އެއީ މާބޮޑުކަމަކަށްނުވެ ހިނގައިދާނެއެވެ.


އިންސާނާ ދުނިޔޭގައި ދިރިއުޅޭއިރު އޭނާއެވަނީ ﷲ ގެ ރަޙުމަތާއި ނިޢުމަތުގެ ތެރޭގައެވެ. އެއިންސާނާ ދައްކަންވީ ވާހަކައާއި ނުދައްކަންވީ ވާހަކަ އެކަލާނގެވަނީ ވަކިކޮށްދެއްވައި އަންގަވާފައެވެ.


އެހެންކަމުން ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ބޭރުން އިންސާނާ ދައްކާ ވާހަކައަކީ އެއިންސާނާގެ އަމިއްލަ ނަފުސަށް ލިބިގަންނަ ގެއްލުމެކެވެ.

އެންމެ ފުރަތަމަ ނަރަކަޔަށް އެއްލައިލެވޭ އިންސާނުންގެ ތެރޭގައި ދުލުން ފާފަކުރާމީހުން ހިމެނެއެވެ.


މިނުކުތާއަށް ބަލާއިރު މިސާލަކަށް އެންމެ ފުރަތަމަ ނަރަކަޔަށް އެއްލައިލެވޭ (ދުލުން ފާފަކުރާ ) މީހުންގެ ތެރޭގައި މެޔާއި އަތާއި ފައިން ފާފަކުރާމީހުން ހިމެނިފައެއް ނުވެއެވެ. އަދި ކިއެއްތަ ! އެއީ ދުލުން ފާފަކުރާމީހުންނެވެ.


ނަރަކަޔަށް އެއްލައިލެވޭމީހުންނަކީ އެމީހުންކުރި ފާފައެއްގެ ސަބަބުން އެމީހުންނަށް ލިބޭ ޙައްޤު ޢަޒާބުގެ އަހުލުވެރިންނެވެ. އެފާފަ އެމީހުން ކުރީ ދުލުންނެވެ. ދުލުން ފާފަކޮށްގެން ނަރަކަޔަށް އެއްލައިލެވޭމީހުން ނަރަކަޔަށް އެއްލައިލެވުމުން އެންމެ ފުރަތަމަ ހުޅުހިފައި އަނދައިގެންދާ ގުނަވަނުގެ ތެރޭގައި ދޫ ހިމެނެއެވެ. އެހެނީ އެމީހުން ނަރަކަޔަށް އެއްލައިލެވެނީ މޫނުވަތަށް ކަމަށްވާތީއެވެ.


އެ ދުލަކީ ނަރަކަޔަށް އެއްލައިލެވޭ ފާފަ ކުރި ގުނަވަނެވެ.


އެހެންކަމުން ކޮންމެ ފަތިހެއްގައި އިންސާނާއަށް ހޭލެވުމުން ދުލުގެ ނުބައިކަމުން ރައްކާތެރިކަން ދެއްވުންއެދި ﷲ އަށް ދުޢާކުރަންޖެހެއެވެ. ހަމައެފަދައިން ، ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ދުވާލުގެ ވަގުތުތަކުގައި އިންސާނާއަށް ދުލުން ކުރެވިފައިވާ ފާފަތައް ފުއްސެވުން އެދި ތަވްބާވެ ﷲ ގެ ހެޔޮ ރަޙުމަތްފުޅަށް އެދި ދުޢާކުރަން ޖެހެއެވެ.


މީސްތަކުންގެ މެދުގައި މަޢުލޫމާތާއި ތަފާސްހިސާބު އަދި ޢިލްމާއި ޙިލްމު ފެތުރުމުގައި އަދި އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރުމުގައި ދުލަކީ މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީސްތަކުންގެ މެދުގައްޔާއި އެއްޖީލު އަނެއްޖީލަށް އަދި އެއްޤައުމު އަނެއްޤައުމަށެވެ.


މި މުހިންމު ގުނަވަނުގެ ނިޢުމަތް ﷲ އިންސާނާއަށް މިންވަރުކުރައްވާފައި ނުވާނަމަ އިންސާނާ މިހާރު ހޯދައިފައިވާ ކުރިއެރުމާއި އިންސާނާ އައިސްފައިވާ ހިސާބަކަށް ނާދެވޭނެއެވެ. އަދި ޢިލްމީގޮތުން އިންސާނުން ޙާޞިލްކޮށްފައިވާ ކާމިޔާބީއާއި މާއްދީ ފައިދާއާއި ދުނިޔޭގެ އުފާ އަދި ރޫހާނީ މަތިވެރިކަމެއް ނުލިބޭނެއެވެ.


އިންސާނާއަށް ﷲ މިންވަރުކުރައްވާފައިވާ ގުނަވަންތަކުން ދުލަކީ ވަރަށް މުހިންމު ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެގުނަވަނަށް ޚާއްޞަކުރައްވައި ﷲ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތެކެވެ. އިންސާނާ ދިރިހުރުމަށް ބޭނުންވާ ކާތަކެތި ހިމުންކޮށް ދިރުވުމުގައި ދުލުގެ ޒިންމާ ބޮޑެވެ.


އަނގަތެރޭގައި ދަތްތަކުން ހިމުންކުރަމުންދާ ކާތަކެތި އެއްފަރާތުން އަނެއްފަރާތަށްލައި، އެއްކޮލުން އަނެއްކޮލަށް ބަދަލުކޮށް، ދަތްތަކަށް އެހީތެރިވަމުން ގެންދެއެވެ. ފަހަރެއްގައި ކާތަކެތި ހިމުންކުރަމުން ގެންދާއިރު ދެދަތްޕިލާ ދެމެދަށް ދޫވަދެ ދޫ ހެފޭގޮތް މެދުވެރި ވެއެވެ. އެފަދަ ޙާލަތެއްގައި ދުލަށް ތަދުވެގެން އިންސާނާއަށް ހަޅޭއްލަވައިގަނެވެއެވެ.


ދަތްތަކުން ކާތަކެތި ހިމުން ނުކުރާ ޙާލަތެއްގައި އެތަކެތި ދިރުވުމަކީ އިންސާނާއަށް ތަކުލީފަކަށް ވާނެއެވެ. އިންސާނާ ކައިނިމުމުން ދަތުގައި ހޭކިފައިހުންނަ ތަކެތި ނުވަތަ ދެދަތް ދޭތެރެޔަށް ވަދެފައި ހުންނަތަކެތި ސާފުކުރުމަކީ ދުލުގެ މަސައްކަތެކެވެ.


އެހެން ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ދުލުގެ އެންމެ މުހިންމު މަސައްކަތަކީ އިންސާނާ ވާހަކަ ދެއްކުމުގައި އަދާކުރާ ދައުރެވެ. ކޮންމެ އިންސާނަކީވެސް ދުލުގެ ނިޢުމަތް ލިބިގެންވާ މީހެކެވެ. ވާހަކަ ދައްކައި މުޢާމަލާތު ކުރުމާއި މުއާޞަލާތީ ގުޅުމަށް އިންސާނާއަށް މިންވަރުކުރައްވާފައިވާ ގުނަވަނެކެވެ.


ހަމައެއާއެކު ދުލަކީ ވަރުބަލިވާ ގުނަވަނެއްނޫނެވެ. އަދި އެހެން ގުވަނަކަށް އޭގެ ވާޖިބު އަދާކުރެވޭނެ ގުނަވަނެއްނޫނެވެ. ދުލުން އަދާކުރާ ވާޖިބު އެހެން ގުނަވަނަކުން އަދައެއް ނުކުރެވޭނެއެވެ.


އިންސާނާއަށް ﷲ މިންވަރުކުރައްވާފައިވާ ވާހަކަ ދެއްކުމުގެ ހުނަރަކީ ޢަޖައިބެއްފަދަ ހުނަރެކެވެ. އިންސާނާ ، އޭނާގެ ހިތުގައި ރައްކާކުރެވިފައި ހުންނަ ބަސްތަކާއި ޖުމްލަތަކާއި މަޢުލޫމާތު ހާމަކުރުމުގައި ދުލުގެ ބޭނުންކުރާ ބަލާޣާތްތެރި ފަންނަކީ ނިޢުމަތެކެވެ.


ދުލުންކުރެވޭ ވިހި ފާފައެއް ، އިމާމް ޣަޒާލީ ރަޙިމަހުﷲ ، ފާހަގަ ކުރައްވާފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ؛


  1. ތިމާއާ ނުބެހޭ ކަންކަމާއި މައްސަލަތަކާބެހި ވާހަކަ ދެއްކުން.

  2. ބޭނުމެއްނެތި ، ހިސާބަށްވުރެ އަނގަ ގަދަކުރުން.

  3. ޖިންސީ ގުޅުމާއި ރާބުއިމާއި ޖުވާކުޅުމުގެ މަޖިލިސްތައް ތަޢާރުފްކުރުމަށް ވާހަކަ ދެއްކުން.

  4. އަނެއްމީހާގެ އަގު ވައްޓާލައި ޒުވާބު ކުރުން.

  5. މުއްސަލަ އުފައްދައި ޒުވާބުކޮށް ޖަދަލުކުރުން.

  6. ހަދަހަދައިގެން ވާހަކަ ދެއްކުން.

  7. ހުތުރު ބަސްބުނުމާއި މީހުންގެ އަބުރާ ބެހުން،

  8. އަނެއްމީހާއަށް ލަޢުނަތް ލެއްވުމަށް ދުޢާކުރުން.

  9. ހުއްދަނޫން ލަވަކިއުމާއި ދޮގު ހިމެނޭ ޅެން ކިޔުން.

  10. ހިސާބަށްވުރެ ބޮޑަށް ޖޯކުޖެހުން.

  11. އަބުރާބެހުމާއި މަލާމާތްކުރުން.

  12. އެހެންމީހުންގެ ސިއްރު ހާމަކުރުން

  13. ދޮގު ވަޢުދުވުން.

  14. ދޮގުހެދުން.

  15. ދެބައޮޑުވުން.

  16. އެކަކުގާތު އަނެކާގެ ވާހަކަ ދެއްކުން.

  17. ދެ އަނގައިން ވާހަކަ ދެއްކުން.

  18. ހިސާބަށްވުރެ ބޮޑަށް ތަޢުރީފުކޮށް ސަނާކިޔުން.

  19. އެހެންމީހުން ފަޟީޙަތްކުރުން.

  20. މީހުންނަށް ނޭނގޭނެހެންހީވާ މަޢުލޫމާތު ހޯދައިގެން ޢަޤީދާއާ ބެހޭގޮތުން ، އެމީހަކާ ސުއާލުކުރުން.


ދުލުން ކުރެވޭ ފާފަތަކުގެ ވާހަކަ ކިތަންމެވަރަކަށްވެސް ހާމަ ކުރެވިދާނެއެވެ.


އިމާމް ޣަޒާލީ ރަޙިމަހުﷲ ފާހަގަ ކުރައްވާފައި އެވަނީ އޭގެތެރެއިން މުހިންމު ބައިތަކެކެވެ.


ދުލުން ކުރެވޭ ފާފައަކީ މިފަދަ ނުރައްކާތެރި އެއްޗަކަށްވާއިރު އިންސާނާ އެކަމަށް ސަމާލުކަންދެނީ ކިހާވަރަކަށް ބާވައެވެ؟


ބަވަނަވެފައިވާ މިދުނިޔޭގައި މުއާޞަލާތީ ވަޞީލަތްތަކާއި ޚަބަރު ފެތުރުމުގެ ވަޞީލަތްތައް ކުރިއަރާފައިވާ މިޒަމާނުގައި އެކިއެކި ނޫސްތަކާއި ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދެކެވޭ ވާހަކަތަކުގެ އަޑު އިވުމުން ބިރުން ފިތްކަނޑައިގެންދާ ވަރުވެއެވެ.  


އިސްލާމީ އުއްމަތަށް ނިސްބަތްވާ މި ކުޑަކުޑަ ޤައުމުގައި ކަންކަން މިހިނގަނީ ހަމަ އެންމެ ރަނގަޅަށްތޯ ސުއާލު އުފެދެއެވެ.


އިސްލާމީ ރިވެތި އާދަތަކާއި ފުރިހަމަ ހަމަތަކުގެ އަޞްލުން ބޭރުގައި، މިޤައުމުގައި މި ހިނގާ ކަންކަމަކީ ޤިޔާމަތުގެ ޢަލާމާތް ނޫންބާވައޭ ހިތަށް އަރާވަރު ވެއެވެ.


ރޯ ބުހުތާން ދޮގުހަދާ މީހުން އެއްވެސް ވިސްނުމެއް ފިކުރެއްނެތި ދޮގު ހަދަނީއެވެ. ޝަރުޢީ ޙުކުމްތަކަށް ގޮންޖަހައި އިޖްތިމާޢީ ޢަދާލަތު ނައްތައިލުމަށް މަސައްކަތް ކުރެވެއެވެ.


މީހުންގެ އަބުރާ ބެހި، ފަޟީޙަތްކޮށް، ސާބިތުނުވާ ޒިނޭގެ ތުހުމަތުތައް އެޅުވިގެން އެބަދެއެވެ. އެއްވެސް ބަޔަކަށް އިޙްތިރާމް ކުރުމެއްނެތި، ހުތުރު ބަހުން ވާހަކަ ދައްކައި، ދޮގު ތުހުމަތުތައް އެޅުވެނީ ބެލުމެއް ނެތިއެވެ.


ދުލަށް އައިހާ ނުބައި އެއްޗެއް މައިންބަފައިންނާ ދިމާއަށް ގޮވައި، ރަޙިމުގެ ގުޅުން ކަނޑައި ޒުވާން ޖީލެއް ދެދުނިޔެއިން ގެއްލިދަނީއެވެ.


އެކި މަޛުހަބުތަކުގެ ޚިލާފުން ދީނީ ޢަޤީދާ ބަލިކަށިވެ، އެމީހަކަށް ފެންނަ ގޮތަކަށް ދީނަށް އުޅެވެނީއެވެ. އަނބުރާ ހޭރިޔާކޮށްގެންވެސް ދުއްވާ އަތުނުވާ ހިސާބަށް މިޤައުމުގެ ޙާލަތު ދިއުމުގައި ޒިންމާވާ ފަރާތްތަކެއްވެސް ތިބޭނެއެވެ. އަދި އެފަރާތްތައް އެފާފަތައް ކުރުމުގައި އެންމެ މުހިންމު ބައިވެރިއަކީ އެމީހުންގެ ދޫކަން ޝައްކެއްްނެތެވެ!

Related Posts

See All

댓글


bottom of page