top of page
މައުމޫނު އަލީ

މުއްދަތު ހަމަވިއިރު ވެސް ޝަމާލުގެ އެޕާޓްމެންޓް ހުހެއް ނުކުރި

7 ޖޫން 2023


ހިޔާ ޔޫނީއަންގެ ނައިބު ރައީސް ޝަމާލްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.


ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.


އެ ފައިސާ ދައްކަން ފަސް ދުވަސް ދިނަސް އެ އަށް ވެސް ދެ އެޕާޓްމަންޓުގެ ވެރިފަރާތުން އަމަލެއް ނުކުރި އެވެ. ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެ ކަމެއް ވެސް ނުކުރެ އެވެ.


އޭގެ ސަބަބުން ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ.


އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.


ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް އެތަން އަދި ހުސްކޮށްފައި ނުވާ ވަނީ ކަށަވަރު ކުރެވިފައެވެ.


ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ފްލެޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ހަބަރު ލިބޭ ގޮތުގައި މި މައްސަލައިގައި ޝަމާލު ތަމްސީލު ކުރި ވަކީލަކީ މަރިޔަމް ޝުނާނާއެވެ.


މި މައްސަލަ އާއި ގުޅިގެން ކޯޓުން ނިންމީ އެ އަމުރު ނެެރެދެވެން ނެތް ކަމަށެވެ.





Comentarios


bottom of page