top of page
މައުމޫނު އަލީ

އިހުޒަމާނުއްސުރެ ދިވެހިންކިޔާ މިނިކާ ރާއަޖެ.


އިންޑިއާގެ އަންޑަމަންކަރައާ ޖެހިގެން އޮންނަ ކުޑަރަށެއްކަމުގައިވާ ނޯތު ސެންޓިނެލް އައިލޭންޑަކީ ، އިހުޒަމާނުގައި ދިވެހިން ކިޔައިއުޅޭފަދަ މިނިކާރާއްޖެއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިރަށަކީ ، ދުނިޔެއާ މުޅިން އެކަހެރިކޮށް އޮންނަ ރަށެކެވެ. އެރަށަކަށް އެއްވެސް މީހަކަށް ނޭރެއެވެ. އަރަފި މީހެއްވިއްޔާ އަނބުރާ ނާދެއެވެ. އެރަށުގެމީހުން އެމީހަކު މަރައިލައެވެ. ނުވަތަ އެރަށުގައި އެމީހަކު މަރުވެއެވެ.

މިރަށަކީ ، ދުނިޔޭގައިވާ އެންމެ އާދަޔާޚިލާފު ތަންތަނުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 60 ކިލޯމީޓަރެވެ. ފުޅާމިނަކީ 7 ކިލޯމީޓަރެވެ. ދިގުމިނަކީ ، 7.8 ކިލޯމީޓަރެވެ. އެރަށުގެ އެންމެ އުސް ހިސާބަކީ ، ކަނޑުގެ ޞަތަޙައިން މައްޗަށް 400 ފޫޓެވެ. ރަށުގެ އާބާދީއަކީ އަދިމިހާތަނަށް ބޯހިމެނިފައިވާ އެއްޗެއްނޫނެވެ. އެހެންނަމަވެސް އެކިގޮތްގޮތުން އެކިފަރާތްތަކުން ލަފާކުރާގޮތުގައި އެރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 500 މީހުންނެވެ. އެމީހުން ދިރިއުޅެނީ އޮރިޔާމުންނެވެ. އެމީހުންގެ ޖާނާއިމާލު ޙިމާޔަތްކުރުމަށް ބޭނުންކޮށްއުޅޭ ހަތިޔާރަކީ ، ދުންޏާއި ދުނިދަނޑިއެވެ.

އެއީ ދުނިޔޭގައި އޮތަސް ، އެތައް ޒަމާނަކުއްސުރެ ، ދުނިޔެއާވަކިން އޮންނަ ރަށެކެވެ. ސެންޓިނެލް އައިލޭންޑަކީ ، އިންޑިއާގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ރަށެކެވެ. ރަށުގެ އަހުލުވެރިންގެ ފަރާތުން ކުރިމަތިވާ ނުރައްކަލާ ގުޅިގެން ، އިންޑިއާ ސަރުކާރުންވަނީ އެރަށަށް އެރުން މަނާކޮށް ޤާނޫނެއް ފާސްކޮށްފައެވެ. އެރަށަށް އަރާ ކޮންމެ މީހަކަށްވެސް ޙަމަލާދިނުމަށް ، ރަށުގެ މީހުން ފަހަކަށް ނުޖެހޭނެއެވެ. ބޭރު އެއްވެސް މީހަކު އެރަށަށް އަރާކަށް އެމީހުން ޤަބޫލެއްނޫނެވެ.

ސެންޓިނެލް އައިލޭންޑްގެ ތާރީޚަށް ބަލާއިރު ، ލިޔެވި ރިކޯޑްކުރެވިފައިވާ ލިޔުމެއް ފެންނަންއޮތީ މީލާދީން 1771 ގައެވެ. އެއީ އިނގިރޭސިވިލާތުގެ ސާރވޭޔަރެއްކަމުގައިވާ ޖޯން ރިޓްޗީ ގެ ލިޔުމެކެވެ. އޭނާ އެރަށަށް ދަތުރުކުރީ އޭރުގެ އީސްޓް އިންޑިއާ ކޮމްޕެނީގެ އުޅަނދެއްގައެވެ. އޭނާއަކަށް އެރަށަށް އަރާކަށް ނުކެރުނެވެ. ނުވަތަ އެރަށަކަށް އޭނާއެއް ނާރައެވެ. އެހެންނަމަވެސް ، ވަރަށްގިނަ އަލިތައް އޭނާއަށް އެރަށުން ފެނުނުކަމަށް ބުނެފައި ވެއެވެ.


ސެންޓިނެލް އައިލޭންޑަށް ދަތުރެއްކުރިއެވެ. ނެޝަނަލް ޖިއޮގްރަފިކް ފޮޓޮގްރާފަރ އަކާއި ފުލުހުންގެ ޓީމެއް މިދަތުރުގައި ބައިވެރިވިއެވެ. ނެޝަނަލް ޖިއޮގްރަފިކް އަކީ އެ ޑޮކިއުމެންޓަރީ ތައްޔާރުކުރާ ފަރާތެއްނޫނެވެ. މި ގްރޫޕް ފެނުނުތަނުން ، ރަށުގެ އަހުލުވެރިން ދުނިއުކަން ފެއްޓިއެވެ. އެމީހުންނަށް ކުރެވުނުހާވެސް ކަމަކީ ، ހަދިޔާގެ ބައެއްތަކެތި ރަށުގެ ގޮނޑުދޮށުގައި ބެހެއްޓުން އެކަންޏެވެ. ހަދިޔާގެ ގޮތުގައި އެމީހުންދިނީ ، ދިރޭ އޫރަކާއި ކާއްޓާ އަދި ކައްކަންބޭނުންކުރާ ބައެއް ކަންވާރާއި ކުޑަކުދިން ކުޅޭ ތަކެއްޗެވެ. ރަށުމީހުން އުކި ދުނިތަކުން ، ޑޮކިއުމެންޓަރީގެ ޑިރެކްޓަރ ޒަޚަމްވިއެވެ. އެންމެފަހުން ނުރައްކާ ބޮޑުވެގެން ، އެރަށަށް ނާރައި އެނބުރި އަންނަން މަޖުބޫރުވިއެވެ. ރަށުގެ އަހުލުވެރިން އެތަނުން ބޭނުންކުރީ ކައްކާ ކަންވާރާއި ކާއްޓެވެ. ކުޑަކުދިންކުޅޭ ތަކެއްޗާއި އޫރު ، އެމީހުން ވަޅުލިއެވެ.

ހަމަ އެއަހަރު ، 1974 ގައި ، އިންޑިއާއިން އިތުރު ދަތުރެއް ރޭވިއެވެ. އެދަތުރުގައި ، އަވަށްޓެރި އަންޑަމަންގެ އޮންގެސް ޤަބީލާގެ ބަޔަކު ގެންދިޔައެވެ. އެމީހުން ގެންދިޔައީ ، ސެންޓިނެލްގެ އަހުލުވެރިން ވާހަކަ ދައްކާ ބަހުރުވަ ، ދިރާސާ ކުރުމަށެވެ. އެހެންނަމަވެސް ، ސެންޓިނެލްގެ ރަށްވެހިންގެ ޢަމަލުތައް ހުރިގޮތުން ، ނުރައްކަލެއް ކުރިމަތިވެދާނެތީ ، އެމީހުންދައްކާ ބަހުރުވަ ސާފުވާހާ ކައިރިޔަށް ދާކަށް ނުކެރުނެވެ.

1981 ގައި ކާގޯބޯޓެއްކަމުގައިވާ ޕްރިމްރޯސް ، ސެންޓިނެލްގެ ފަރަށް އެރިއެވެ. ބޯޓު ކައިރިޔަށް އައުމަށްޓަކައި އެރަށުމީހުން މަސައްކަތް ކުރިއެވެ. ބޯޓާ ކައިރިޔަށް އައިމީހުން އުކަމުންދިޔަ ދުނިތަކުން ބޯޓުގެ މީހުން ސަލާމަތްވީ ، އެމީހުންއަތުޖެހުނު އެއްޗެއްވިއްޔާ އުކައިގެންނެވެ. ތޫފާނެއް އައިސް އެތޫފާން ނިމެންދެން ، ބޯޓުމީހުންނަށް ސެންޓިނެލް ރަށްވެހިންގެ ނުރައްކާ ކުރިމަތިވެފައި އޮތެވެ. އެންމެފަހުން ، ބޯޓުގެ މީހުން ސަލާމަތްކުރަންޖެހުނީ ހެލިކޮޕްޓަރެއް ފޮނުވައިގެންނެވެ.

ސެންޓިނެލް ކައިރިޔަށް އުރި ސަލާމަތްނުވާ ބޯޓުފަހަރުގެ ދަނގަޑާއި އެނޫންވެސް މަޢުދަންތައް އެރަށުމީހުން ނަގައެވެ. އެއީ ހަތިޔާރުގެ ގޮތުގައި އެބައިމީހުން ބޭނުންކުރާ ދުނި ހެދުމަށްޓަކައެވެ.

1991 ގައި އަނެއްކާވެސް އިންޑިއާއިން އެރަށަށް ދަތުރެއްކުރިއެވެ. 1967 ގައި އެރަށަށްދިޔަ ތްރިލޯކްނާތު ޕަންޑިތުވެސް މިދަތުރުގައި ބައިވެރިވިއެވެ. އޭނާގެ މަސައްކަތުން ، އެރަށުމީހުންނާ ގާތްގުޅުމެއް އުފެއްދިއެވެ. މިއީ ، ސެންޓިނެލްގެ ބަޔަކާއެކު ، ބޭރުބަޔަކަށް ގާތްގުޅުމެއް އުފެއްދުނު ފުރަތަމަ ފަހަރެވެ. އެކަން ކުރެވުނުނަމަވެސް ، އެރަށާއި އެޤަބީލާގެ ޚާއްޞަކަން ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ޕަންޑިތުގެ ހިތުގައި އުފެދުނެވެ.

26 ޑިސެމްބަރ 2004 ގެ ސުނާމީއާ ގުޅިގެން ، އެރަށު އަހުލުވެރިންގެ ޙާލަތު ދެނެގަތުމަށްޓަކައި ، އިންޑިއާއިން މަތިންދާބޯޓެއް ފޮނުވިއެވެ. އެބޯޓު ސެންޓިނެލް އާ ކައިރިވުމުން ، އެރަށުގެ ހަނގުރާމަވެރިޔަކު ، އެބޯޓަށް ދުނިއުކިއެވެ.

ކަކުނި ހިފުމަށްޓަކައި ، ޤާނޫނާޚިލާފަށް އެރަށަށްދިޔަ މަސްވެރިންގެ ދެމީހަކު އަތުލައިގަނެ ، ސެންޓިނެލްގެ މީހުން ، އެދެމީހުން މަރައިލިއެވެ.

2018 ގައި އެރަށަށް ދިޔަ އެމެރިކާގެ ، ޖޯން އެލަން ޗައު އެވެ ކިޔާމީހަކު ، ސެންޓިނެލްގެ މީހުން މަރާލައިފާ ވެއެވެ. ޖޯން އެރަށަށްދިޔައީ އެރަށުމީހުން ކްރިޝްޓިއަންދީނަށް ވެއްދުމަށްޓަކައެވެ. އޭނާ އެރަށަށްދިޔައީ ، ޤަވާޢިދާޚިލާފަށް ، އަންޑަމަންގެ މަސްވެރިންނަށް ރިޝްވަތުދީގެންނެވެ. ޖޯން މަރައިލާފައި އެރަށުމީހުން ބަހައްޓާފައިހުރީ ވަލުތެރޭގައި ގަހެއްގައި އެލުވާފައެވެ.

އިންޑިއާ ސަރުކާރުން ، 1991 ގައި ، ސެންޓިނެލްގެ ވަށައިގެން 5 ކިލޯމީޓަރުގެ ޒޯނެއް ތަޢާރުފް ކުރިއެވެ. އެސަރަޙައްދަށް ވަނުމަކީ މަނާކަމެކެވެ. ސެންޓިނެލް އައިލޭންޑާބެހޭގޮތުން އިންޑިއާގެ ޕޮލިސީއަށް އެއްވެސް ބަދަލެއް ނުގެނެވެއެވެ. އެރަށް އޮންނާނީ އެއޮތްގޮތަކަށެވެ. އެރަށަށް ބޭރުމީހުން ދިއުމަކީ ރަށުގެ އަހުލުވެރިންނަށް ގެއްލުންލިބޭނެ ކަމެކެވެ. އެމީހުންގެ އިމިއުން ސިސްޓަމަށް ބޭރުމީހުންގެ ސަބަބުން ގެއްލުން ލިބެއެވެ.



Related Posts

See All

Comments


bottom of page