top of page
މައުމޫނު އަލީ

ނާޒިފަކީ ހިތްވަރުގަދަ ފަހުލަވާނެއް.





އިސްމާއިލް ނާޒިފް ސައީދުއަކީ އޭނާގެ އުމުރުގެ އެހެން ކުދިންނާއި ތަފާތު ކުއްޖެކެވެ. ނަމަވެސް ދިރިއުޅެމުން ދަނީ އޭނާއަށް އޮތް އެންމެ ފުރިހަމަކޮށެވެ، މާދާމައެއް ނެތްފަދައިންނެވެ. 


ކުޑައިރުއްސުރެ ނާޒިފަކީ ހައިޑްރޯސެފަލަސް ގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މި ބަލީގެ ސަބަބުން އުނަގަނޑުން ތިރިން އެއްވެސް ހަރަކާތެއްނުކުރެވި ފުރޮޅުލީގޮނޑިއެއްގައި މުޅި ހަޔާތް ހޭދަކުރަންޖެހިފައިވާ ކުއްޖެކެވެ. 


ނާޒިފްގެ ދިރިއުޅުމުގައި އޭނާ ވަނީ އެތައް ހުރަސްތަކެއް ކަޑައްތުކޮށްފައެވެ. މީގެ ކޮންމެ ފަހަރަކީ ވެސް ނާޒިފްގެ ކެތްތެރިކަން އިމްތިހާނުކުރި ފަހަރެކެވެ. ކޮންމެ ފަހަރަކީ ވެސް އެނާގެ އަޒުމް އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށްދޭ ފަހަރެކެވެ. މިހެންކަމުން އޭނާއާ އެއްފަދަ އެހެން ކުދިންނާއި ގާތް ރަހްމަތްތެރިން ދަނީ އެތައް އިބްރަތްތަކެއް ހާސިލްކުރަމުންނެވެ.

 



"ހަޔާތުގައި ދެރަވާ ދުވަހެއް އަދި ހިތްދަތިވި ދުވަހެއް އަދި ނާދޭ. މިއީ މާތް ﷲ މިންވަރު ކުރެއްވި ގޮތްކަމަށް ގަބޫލުކޮށްގެން އަބަދުވެސް އުޅެނީ އުފަލުގަ."


ހިނގާބިނގާވެ އުޅޭ އެންމެނަކީ އުފާވެރި ބައެއް ނޫނެވެ. ހުރިހާ ހިއްސުތަކާއި ގުނަންތައް ސަލާމަތުން ގަދަފަދަ ކަންމަތީ ލިބިފައި ވުމާއެކުވެސް ޝުކުރުވެރިކަމެއް ނެތް، ޝަކުވާ ބޮޑު މީހުން، ވަށައިގެން ހުރިހާ ދިމާއަކުންވެސް ފެނެއެވެ. އެހެންނަމަވެސް ގދ. ގައްދޫއަށް އުފަން އައިޝަތު ޝާކިރާއި އެރަށު މުހައްމަދު ސައީދަށް ލިބުނު 3 ކުދިންގެ ތެރެއިން 2 ވަނަ ދަރިފުޅު، އިސްމާއީލް ނާޒިފް ސައީދަކީ ކޮންމެ ގޮތަކަށް ދުނިޔޭގައި ލެއްވިޔަސް ރީތި، ނަލަ، ދިރިއުޅުމެއް އުޅެވިދާނެކަމުގެ ފުރިހަމަ ނަމޫނާ މިސާލެކެވެ.


ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެންވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، ސާބިތު ދިރިއުޅުމެއް އުޅެވިދާނެކަމުގެ ފުރިހަމަ ނަމޫނާއަކަށް ނާޒިފު ފުދެއެވެ. އާންމު އެހެން މީހުންނެކޭ އެއްފަދައިން ދުވާލުގެ އަށްގަޑިއިރު އޮފީހުގެ މަސައްކަތުގައި އުޅުމާއެކު "ރެޑްކްރެސެންޓު"ގެ އެކި ހަރަކާތްތަކުގައިވެސް މަސައްކަތް ކުރާ ނާޒިފަކީ އެމްއާރުސީގެ ވިލިމާލޭ ގޮފީގެ މިހާރުގެ ނާއިބުރައީސް އެވެ. މީގެ ކުރިން ނާޒިފު ވަނީ އެމްއާރުސީގެ ޔޫތު މެންބަރުގެ އިތުރުން ޖަމިއްޔާ ވިލިޖޯލީގެ ބޯޑު މެންބަރުކަން ވެސް ކޮށްފައެވެ.


"ހައިޑްރޯސެފިލަސް"ގެ ވޭން ތަހައްމަލު ކުރަން ޖެހޭތީ ބޮލަށް ޓިއުބެއް ލައްވާފައި ހުންނަން ޖެހުމަކީ ނާޒިފު އުފުލަން ޖެހޭ ވޭނެކެވެ. މިހުރިހާ ކަމެއްގައި ހަރަކާތްތެރި ވަމުން އަންނައިރު ނާޒިފުގެ ސިކުނޑިއަށް ޖެހިފައިވާ މައްސަލައަކާ ގުޅިގެން އެކަމަށް ކުރަމުން އަންނަ ފަރުވާއާ މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހުމަކީ އިތުރުވެފައިވާ ބޮޑު ޒިންމާއެކެވެ. މިއީ ސިކުނޑީގެ ނާރުތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ސިކުނޑީގައި ފެންހެދޭ ގޮތްވުމެވެ. މިހާރު ނާޒިފުގެ ސިކުނޑިއަށް ވަނީ ހޮޅިކޮޅެއް ލައްވާފައެވެ. އެ ހޮޅިކޮޅުގެ އެހީގައި ސިކުނޑީގައި އުފެދޭ ފެން ސިކުނޑިން ބޭރަށް، ހަށިގަނޑުންވެސް ބޭރަށް ނެރެދެއެވެ. އެހެންކަމުން މިއީ ދާއިމަށް ބޭސް ކުރަން ޖެހޭ ބައްޔެއްކަމަށް ވާތީ ނާޒިފު ދިރިއުޅެން ޖެހެނީ ނުހަނު ފަރުވާތެރިވެ، ސާބިތު ގޮތެއްގައެވެ.


2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަސް ވެގެން ދިޔައީ ނާޒިފަށް ތަފާތު، މާބޮޑަށްވެސް ހާއްސަ ދުވަހަކަށެވެ. އެއީ ނާޒިފުގެ ހަޔާތުގައި އަދި މިހާތަނަށްވެސް އެންމެ އުފާވި ދުވަހެވެ. އަބަދުވެސް އެދެމުން އައި އުންމީދެއް ފުރިހަމަ ވީ އެދުވަހު ނާޒިފަށް އަމިއްލަ ނަފުސަށް އޮތް ޔަގީންކަން އިހުނަށްވުރެ ބޮޑުވިއެވެ.


ނާޒިފަށް ސްޓެލްކޯ އިން ވަޒީފާ ލިބުމުން އެންމެ ބޮޑަށް އުފާވި ސަބަބަކީ މައިންބަފައިންނަށް ބުރައަކަށް ވެގެން ނުހުރެ އަމިއްލަ މަސައްކަތުން އަމިއްލަ ބޭނުންތައް ފުއްދައިގެން އަދި ހަމަ އެހެންމެ އެމީހުންނަށް އެހީތެރިކަން ދެވޭ ވަރުގެ ފޯރުންތެރިއަކަށް ވެވުނީތީއެވެ. ނާޒިފު ގަބޫލު ކުރާ ގޮތުގައި ދިރިއުޅުން އުޖާލާ ކުރުވަނީ އަމިއްލައަށް އަމިއްލަ ބޭނުންތައް ފުއްދޭތީއެވެ.





ނާޒިފަކީ ކޮންމެ ކަމަކާވެސް ކުރިމަތިލާން ކެރޭ، ހިތްވަރުގަދަ، ނުހަނު ކިޔަމަންތެރި ދަރިއެއް." ( ނާފިޒްގެ މަންމަ)


ނާޒިފު ފަދަ ދަރިފުޅަކު ލިބުނީތީ އޭނަގެ މައިންބަފައިން ވަނީ އުފަލެވެ. އިހުސާސް ކުރެވެނީ ފަހުރުވެރިކަމެވެ. ފަހަރެއްގައިވެސް ނާޒިފުގެ ބަލިކަމުގެ ސަބަބުން އޭނާގެ މައިންބަފައިން ހިތާމައެއް ނުކުރެއެވެ.



"ނާޒިފަކީ ވަރަށް ގާތް އެކުވެރިއެއް. ވިލިޖޯލީގެ އެކިއެކި ކަންކަން ރާވާ އިރުވެސް ކަންކަމުގައި ގެންގުޅޭ ޕޮޒިޓިވް އެޕްރޯޗު އަދި ކަންކަން ރޭވުމުގައި ދައްކާ ލީޑަޝިޕަކީ އެފަދަ ކުދީންނަށް ނަމޫނާއެއް. އެހެން ކުދީންނެކޭ ނާޒިފާ އެއްވެސް ތަފާތެއް ނުހުރޭ." ނަޒީފުގެ ގާތް އެކުވެރިޔަކު، އޭނާއާ ބެހޭ ގޮތުން ކިޔައިދެމުން ބުނި ގޮތުގައި، ނާޒިފަކީ އެއްވެސް ވަރަކަށް މަގާމުގެ ބާރާއި ނުފޫޒު ގެންގުޅޭ މީހެއް ނޫނެވެ.


މަސައްކަތެއް ހަވާލުކޮށްފި ނަމަ، އެ މަސައްކަތަކާ ނާޒިފް ކުރިމަތިލަނީ ޝައުގުވެރިކަމާއެކުއެވެ. ވީހާވެސް ފުރިހަމައަށް އެ މަސައްކަތެއް ނިންމާލުމަށް އޭނާ މަސައްކަތްކުރެއެވެ.


"އަޅުގަނޑު ޖެހިލުންވާނެ މަސައްކަތެއް ނޯންނާނެ. ކޮންމެ މަސައްކަތެއް ހަވާލުކުރިޔަސް، އެ މަސައްކަތެއް ކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން. މަސައްކަތްތަކާ އަޅުގަނޑު ކުރިމަތިލާނީ ވެސް ކެރިގެން،" ނާޒިފް ބުޏްނެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހެއް ނަމަވެސް، މުޖުތަމައުގައި އެމީހެއްގެ ބޭނުން ހިފޭނެ ގޮތްތަކެއް ހުންނާނެއެވެ. ނާޒިފް ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެކޭ ކިޔާފައި ހަތަރު ފާރުތެރޭ އެމީހުން ތިބޭކަށް ނުޖެހެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނާޒިފް ދޭން ބޭނުންވާ މެސެޖަކީ ވެސް މަސައްކަތްތަކުގައި ބައިވެރިވެ، ކަންކަން ކުރެވޭނެ ކަން ދެއްކުމަށް މަސައްކަތް ކުރުމަށެވެ. ގައުމަށް ކޮންމެވެސް ހިދުމަތެއް ކޮށްދެވޭނެ ބައެއްކަން ސާބިތު ކޮށްދިނުމަށް މަސައްކަތް ކުރުމަށެވެ.



ނާޒިިފުގެ އުންމީދަކީ މުޖުތައުގެ ގިނަ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރަށްވުރެ އިތުރަށް ލިބުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމަށް، ދެފައި މަތީ ތެދުވެ ހުރުން ލާޒިމު ނޫން ކަމުގެ ހެއްކަކަށް ނާޒިފުގެ ހިތްވަރާއެކު އަމިއްލަ ފައިމަތީ ސާބިތުވެ ހުރުން ފުދެއެވެ.


Related Posts

See All

Comments


bottom of page