top of page
މައުމޫނު އަލީ

ގެއެއްގެ އެޕާޓުމެންޓުތައް އެތައް ބަޔަކަށް ކުއްޔަށް ދީގެން ސްކޭމެއް ހިންގި މީހަކު 3 އަހަރަށް ޖަލަށް



މާލޭގެ ގެއެއްގެ އެޕާޓުމެންޓުތައް ކުއްޔަށް ދޫކުރުމުގެ ނަމުގައި އެތައް ގިނަ ބަޔަކަށް އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން އައި މީހެއްގެ މައްޗަށް 3 އަހަރު ޖަލު ހުކުމެއް އިއްވައިފިއެވެ.


މި މައްސަލައަކީ މ.ފާގަތިގޭގެ އެޕާޓުމެންޓުތައް ކުއްޔަށް ދޫކުރުމާއި ވިއްކުމުގެ މުއާމަލާތްތައް ހިންގުމުގެ ނަމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމަށް ތުހުމަތުވާ މައްސަލައެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ، އެގޭ އިބްރާހީމް ހުނައިން އަހުމަދުގެ މައްޗަށެވެ.


މި މައްސަލާގައި ހުނައިނުގެ މައްޗަށް ދައުވާކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވުމާ ގުޅިގެން ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ 3 އަހަރާއި 2 މަސްދުވަހުގެ ޖަލު ހުކުމެކެވެ.

ހުނައިނުގެ މައްޗަށް ދައުވާކޮށްފައިވަނީ ފާގަތިގޭގެ އެޕާޓުމެންޓެއް 19 އަހަރަށް މީހަކަށް ކުއްޔަށް ދޫކުރުމަށްފަހު އެކަން ސިއްރުކޮށް އެހެން މީހަކަށް ހަމަ އެ އެޕާޓުމެންޓު ފަސް އަހަރަށް ކުއްޔަށް ދޫކޮށް، ކުލީގެ ގޮތުގައި 27 މަހުގެ ކުއްޔަށްވާ 364،500 ރުފިޔާ ނަގާފައިވާތީއެވެ.


ހުނައިނުގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާކަމަށް މި މައްސަލާގައި ކަނޑައަޅާފައިވެއެވެ. މި މައްސަލާގައި އޭނާގެ މަންމަގެ ހެކިބަސް ނެގުމަށް ދައުލަތުން ހުށަހަޅާފައިވަނިކޮށް އަމިއްލަ ދަރިފުޅާ ދެކޮޅަށް ހެކިބަސްދިނުމަށް އުޒުރުވެރިވާކަން ކޯޓަށް ހުނައިނުގެ މަންމަވަނީ އަންގާފައެވެ. ކުއްޔަށް ދޫކުރި ފުލެޓުތައް ހުރި އިމާރާތުގެ ވެރިފަރާތަކީ ހުނައިނުގެ މަންމައެވެ.


މި މައްސަލާގައި ހުނައިނުވަނީ ކުއްޔަށް ދޫކުރި އެޕާޓުމެންޓުގެ ކުލީގެ ގޮތުގައި 364،500 ރުފިޔާ ލިބުނުކަމަށް އެއްބަސްވެފައެވެ. ނަމަވެސް މަކަރާއި ހީލަތެއް ހެދިކަމަށް އޭނާ ދެކޮޅުހަދައެވެ. އަދި އެޕާޓުމެންޓު ހަވާލުނުކުރެވުނީ އެޕާޓުމެންޓު ކުރިން ކުއްޔަށް ނެގި ފަރާތުން އެޕާޓުމެންޓު ހުސްނުކޮށްގެންކަމަށްވެސް ހުނައިނު ބުނެފައިވެއެވެ.


ނަމަވެސް އެ އެޕާޓުމެންޓު ފުރަތަމަ ކުއްޔަށް ހިފި ފަރާތުންވަނީ ހުނައިނުގެ ވާހަކަތައް ދޮގުކޮށް އެ އެޕާޓުމެންޓު ހުސްކުރުމަށް ހުނައިނު އެދިފައިނުވާކަމަށް ބުނެ ބަޔާނެއް ކޯޓަށް ހުށަހަޅާފައެވެ.


ދައުލަތުގެ ހެކިތަކަށް ރިއާޔަތްކޮށް ހުނައިނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާއަށް އިއްވާފައިވާ ހުކުމަކީ، މި ކުށުގެ އަސާސީ އަދަބުގެ މިންވަރުކަމަށްވާ 1 އަހަރާއި ހަތް މަހާއި 6 ދުވަހުގެ ޖަލު ހުކުމް ހަތަރު ގުނަ ބޮޑުކޮށް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ.


އަދަބުގެ މިންވަރު ބޮޑުކުރި ސަބަބަަކީ މި ކުށަކީ އަސާސީ ބޭނުމެއް ފުއްދުމުގެ ގޮތުން ހޯދާ ފައިސާ ނިގުޅައިގަނެ، އެއްބަސްވުންތަކުގެ ނާޖާޒިރު ފައިދާ ނެގުމުގެ އަމަލަކަށްވެފައި، އެކަމުގެ ސަބަބުން މީހުންނަށް ލިބޭ ނަފުސާނީ އަދި މާލީ ގެއްލުމަށް ރިއާޔަތްކުރެއްވުމަށްފަހުކަމަށް މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވެފައިވެއެވެ

Related Posts

See All

Comments


bottom of page