top of page
މައުމޫނު އަލީ

އެންމެ މާތް އަޅުކަމަކީ މާތް الله އަށް ޝުކުރުވެރި ވުމެވެ



މާތް الله އަށް ޝުކުރުވެރި ވެވޭނީ އެންމެ ފުރަތަމަ އެކަލާނގެ އަށް އީމާން ވެގެންނެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެގެންނެވެ. އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުހެލިވެގެންނެވެ. ތިމާ މި ދުނިޔޭން އުފަންވުމާއި ދިރިހުރުމާއި މަރުވުމަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ތެރޭގައިވާ ކަންތައްތަކެއްކަން ޤަބޫލު ކޮށްގެންނެވެ.



މާތް الله އަށް ޝުކުރުވެރި ވެވޭނީ، އިސްވެދިޔަ ކަންތައްތަކުގެ އިތުރުން، އެކަލާނގެ އޯގާވަންތަކަމާއި ފަޟްލުވަންތަވެރިކަން ގަބޫލު ކޮށްގެންނެވެ. ހުރިހާ ނިއުމަތްތަކެއްގެ ވެރި ފަރާތަކީ އެކަލާނގެކަން ދެނެގަނެގެންނެވެ. ފުރާނައިގެ ނިއުމަތާއި ބުއްދީގެ ނިއުމަތާއި ހިއްސުތަކުގެ ނިއުމަތާއި ސިއްހަތުގެ ނިއުމަތާއި ރިޒްގު ތަނަވަސްވުމުގެ ނިއުމަތާއި އަނބިދަރިންނާއި ތިމާގެ މީހުންގެ ނިއުމަތާއި އުފަލާއި ހިތްހަމަޖެހުމުގެ ނިއުމަތާއި މި ހުރިހާ ކަމަކީ މާތް الله ގެ ފަޟްލުވަންތަ ވެރިކަމުން ތިމާއަށް ލިބޭ ނިއުމަތްތަކެކެވެ.



الله އަށް ޝުކުރުވެރިވާ މީހަކު ނަމަ އެކަލާނގެ އަންގަވާފައިވާ ގޮތަށް އުޅޭނެ އެވެ. އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ކަމޭހިތާނެ އެވެ. އަހުލާގު ރަނގަޅު ވާނެ އެވެ. މީސްތަކުންނަށް ރަހުމް ކުރާނެ އެވެ. ތިމާޔަށް ލިބުން އެދޭ ކަންތައްތައް އެހެން މީހުންނަށް ވެސް ލިބުން އެދޭނެ އެވެ. ކީރިތި ރަސޫލާ ހަދީސް ކުރެއްވި އެވެ. ﴿ لاَ يُؤْمِنُ أَحَدُكُمْ حَتَّىٰ يُـحِبَّ لِأَخِيهِ مَا يُـحِبُّ لِنَفْسِهِ ﴾ މާނައީ: [ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަންތައްތައް ތިމާގެ އަހާ އަށް ލިބުމަށް އެދިއްޖައުމަށް ދާންދެން ތިޔަބައިމީހުން ކުރެ އެކަކު ވެސް އީމާނެއް ނުވެ އެވެ.]


ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މާތް الله އަށް ޝުކުރުވެރިވުމަށް އަންގަވާފައި ވެ އެވެ. އޭގެ ތެރެއިން އެއް އާޔަތެއްގައި މާތް الله ވަހީ ކުރެއްވި އެވެ. ﴿ فَٱذْكُرُونِـىٓ أَذْكُرْكُمْ وَٱشْكُرُواْ لِـى وَلَا تَكْفُرُونِ ﴾ (البقرة : 152) މާނައީ: [ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަ ކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާގެ އަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަށް ތިޔަބައިމީހުން كافر ނުވާށެވެ!]


މާތް الله އަށް ޝުކުރުވެރިވުމުން މި ދުނިޔެމަތީގަޔާއި އާހިރަތް ދުވަހުން ތިމާޔަށް ލިބެނިވި މަތިވެރި ނަސީބާއި ހެޔޮ ދަރުމަ ވެސް ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާން ކުރައްވާފައި ވެ އެވެ. އޭގެ ތެރެއިން އެއް އާޔަތެއްގައި މާތް الله ވަހީ ކުރެއްވި އެވެ. ﴿ وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُـمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُـمْ إِنَّ عَذَابِـى لَشَدِيدٌ ﴾ (إبراهيم: 7) މާނައީ: [އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފި ނަމަ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.]



މި ހުރިހާ ދަލީލުތަކުން އޮޅުމެއް ނެތި އެނގޭ ގޮތުގައި މާތް الله އަށް ޝުކުރުވެރިވުމަކީ ވަރަށް ސަވާބު ބޮޑު، ވަރަށް މާތް ކަމެކެވެ. ހަގީގަތުގައި އެއީ އެންމެ މާތް އަޅުކަން ވެސް މެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެން ވަނީ މާތް الله އަށް އަބަދާއި އަބަދު ހަމްދާއި ޝުކުރުކުރުމެވެ. އެކަލާނގެ އޯގާވަންތަކަމާއި ފަޟްލުވަންތަވެރިކަމުގެ މަތިން އެންމެ ހިނދުކޮޅެއްގައި ވެސް ހަނދާން ނައްތާ ނުލުމެވެ.

Related Posts

See All

Comments


bottom of page