top of page
އަހްމަދު

ފްލެޓު މައްސަލައިގެ ބައްދަލުވުމަށް ދާން ހައުސިން މިސްޓްރީން އުޒުރުވެރި ވެއްޖެ

ޖޫން 13، 2023


ފްލެޓު މައްސަލައިގައި މިއަދު އޮތް ބައްދަލުވުމަށް ދާން ހައުސިން މިސްޓްރީގެ ވަކީލުން ފަހުވަގުތު އުޒުރުވެރި ވެއްޖެއެވެ.  


ހިޔާ ފްލެޓު ތަކުގެ ތެރެއިން އެކިއެކި ސަބަބު ތަކާހުރެ  200-300 ދެމެދު އަދަދެއްގެ ފްލެޓު ހުސްވެފައި ވާކަމަށް ވާހަކަ ދެކެވުނެވެ. ހުސްވި ފްލެޓު ތަކުގެ ސީދާ އަދަދު ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ. 


ހިޔާގެ ފްލެޓެއް އެއްވެސް ސަބަބަކާ ހުރެ ހުސްވެއްޖެނަމަ އެ ފްލެޓެއް ދެން ލިބޭނީ ހުސްވި ކެޓެގަރީ އަކުން، ޝަރުތު ހަމަވެ ފްލެޓު ނުލިބި ތިބި މީހުންގެ ލިސްޓު ތަރުތީބުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. 


އެހެނަސް ހުސްވި  ފްލެޓުތަކަށް ވީގޮތެއް، ހެދި ގޮތެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. 


ފާއިތުވި މަސްތަކުގައި ހުސްވި ހިޔާ ފްލެޓުތަައް އެކި ފަރާތްތަކަށް ބަހަމުން ދާކަމުގެ ޝަކުވާތައް އާންމުންގެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށް އެފަރާތުން ވަނީ ހާމަ ކޮށްފައެވެ. އާންމުންގެ ޖަމިއްޔާ/ކޮމަނާސް އިން ހޯދިހޯދުން ތަކުންވެސް 2021 ގެ ލިސްޓުގައި ނެތް ފަރާތްތަކަށް ފްލެޓުތައް ދީފައި ވާކަން އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ވެއެވެ. 


ހިޔާގެ ހުސްވި ފްލެޓުތައް ބެހީ ސިޔާސީ ގުޅުން ތަކުގެ ތެރެއިން އެކިއެކި ސިޔާސީ ވެރިންގެ ނުފޫޒުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. 


މިކަންތައް ހިނގައި ދިޔަގޮތް ސާފުކުރަން އާންމުންގެ ޖަމިއްޔާގެ ފަރާތުން ހައުސިން މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް އެދި ލިޔުނެވެ. ހޯދުމަށް އެދިފައިވަނީ 2021 ގެ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ތިބި ފަރާތްތަކުގެ އިތުރަށް މިހާތަނަށް ހިޔާ ފްލެޓު ދީފައިވާ މީހުންގެ މައުލޫމާތެވެ. 


އެ މައުލޫމާތު ހޯދަން އާންމުންގެ ޖަމިއްޔާއިން އެދުނީ އެ މައުލޫމާތު ލިބުމުން، ޝަރުތު ހަމަވެ ފްލެޓު ނުލިބުނު މީހުންގެ ލިސްޓާއި އަޅާކިޔައި ފްލެޓު ދިނީ އެ ލިސްޓް ތަރުތީބުންކަން ކޮންމެ މީހަކަށްވެސް ކަށަވަރު ކުރެވޭނެތީއެވެ. 


މިމައުލޫމާތު ދޭން ގާނޫނުގައި ކަނޑައަޅާފައިވާ 21 ދުވަސް ހަމަވިއިރުވެސް ޖަވާބު ނުދީ އޭގެ ފަހުން މިނިސްޓްރީން ދިން ޖަވާބުގައި ވަނީ ‘ހިޔާ އެކި ކެޓެގަރީތަކަށް އެލޮކޭޓު ކޮށްފައިވާ ފްލެޓު ތަކުގެ ތެެެރެއިން އެއްވެސް ސަބަބަކާ ހުރެ ބާކީވި އެއްވެސް ފްލެޓެއް ލިސްޓުގައި ހިމެނިފައިވާ ނުވާ ފަރާތަކަށް ދީފައި ނުވާނެ ކަމަށް ދަންނަވަން’ މިހެންނެވެ. 


އެ ޖަވާބަކީ 'އަމާ ބުނީތީ ފަރަށް ދާގޮތަށް ދީފައިވާ ޖަވާބެއް' ކަމަށް ބުނެ އާންމުންގެ ޖަމިއްޔާއިން އިންފޮމޭޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅުމުން އެ ކޮމިޝަނުން ވަނީ މިއަދަށް ބައްދަލު ވުމެއް ތާވަލްކޮށް ދެފަރާތަށް އަންގާފައެވެ. 


އެހެނަސް މިއަދު 11:00 ހަމަޖެހިފައިވާ މި ބައްދަލުވުމަށް ހާޒިރުވާން ފަހު ވަގުތު ހައުސިން މިނިސްޓްރީން ވަނީ އުޒުރުވެރި ވެފައެވެ. 


ހަފްތާއެއް ކުރިން އިންފޮމޭޝަން ކޮމިޝަނުން ވަގުތު އަންގާފައި ވާ މި ބައްދަލުވަށް އާދެވެން ނެތް ވާހަކަ ހައުސިން މިނިސްޓްރީން އެންގީ މިއަދު ހެނދުނު ބައްދަލުވުމުގެ އިރުގަނޑެއް ކުރިންނެވެ. އެ މިނިސްޓްރީން ވިދާޅުވީ ފްލެޓު މައްސަލައިގައި ހާޒިރުވާން ޖެހޭ ހައުސިން މިނިސްޓްރީގެ  ވަކީލުން ހަމަ އެގަޑީގައި (11:00) ރައީސް އޮފީހުގެ ބައްދަލުވުމަކަށް ދާން ޖެހުނީއެވެ. 



Comments


bottom of page