top of page
މިދުއަމް ސައުދު

ފުރައްސާރަ ކުރީ ކޮން އިޔާޒަކަށް؟

15ޖޫން، 2023


މި ދެދުވަހު އެންމެ ގަދަޔަށް ދެއްކެވެނީ ޑރ.އިޔާޒުގެ ވާހަކަ ކަމަށް ވާތީ މި ހަފްތާގެ 'މަގޭ ހިޔާލު' ގައި ބަލާލާނީ އެކަމަށެވެ.


ޕީޕީއެމް ބައެއް ކަމަށް ބުނާ ކަނބަލުން ތަކެއް ޑރ.އިޔާޒު ފަހަތުން ޕޯސްޓަރުތަކެއް ހިފައިގެން ދާ މަންޒަރު ވައިރަލްވި އެ ވީޑިއޯ އިން އަޅުގަނޑަށް ވެސް ފެނުނެވެ. ޑރ.އިޔާޒު އެއްޗެއް ވިދާޅުނުވެ ބާރުބާރަށް އެ ސަރަހައްދުން ‘ރޭސްދީ ފިއްލެވި' މަންޒަރު އެހެން ވީޑިއޯ އަކުން ފެނުނެވެ.  


ސިޔާސީ ގޮތުން މިފަދަ ކަންކަން ކުރުމަކީ ޑިމޮކްރަސީ އާއެކު ރާއްޖެއަށް އައިސްފައިވާ، މިހާރު ދެން އާންމު ވެފައިވާ ކަންކަމެވެ. އަދި ޑރ.އިޔާޒު އަމަލު ކުރެއްވީ އެފަދަ ހާލަތެއްގައި އާންމު ގިނަ މީހުން އަމަލު ކުރާނެ ގޮތަށެވެ.


އެހެނަސް އާންމުކޮށް ހިނގާ މިފަދަ އަމަލެއް ފެންނަ މި ކުރު ވީޑިއޯ  ގައުމީ ބޮޑު ބަހުސަކަށް ވެއްޖެވެ. ކީއްވެތޯއެވެ؟ 


އާދެ މިވީ ގޮތަކީ ޑރ.އިޔާޒަކީ "ދީނީ އިލްމުވެރިއެވެ".


މިއަދު އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 

ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް، އަދި ނުރައްކާތެރި ސިގުނަލެއް

ވަރަށް ބޮޑު ތެދުފުޅެކެވެ. ސައްތާއިން ސައްތަ މުސްލިމު ކަމަށް ބުނާ މި ކުޑަކުޑަ ރާއްޖޭގައި ދީނީ އިލްމުވެރިންނަށް ޓާރގެޓު  ކޮށްގެން ފުރައްސާރަ ކުރުމަކީ ވަރަށް ބިރުވެރި ކަމެކެވެ. އަދި ވަރަށްވެސް ނުރައްކާތެރި ސިގުނަލެކެވެ. 


ހަމަ މި މައްސަލަ އާއި ގުޅިގެން ސިޔާސީ ޕާޓީއެއް ކަމަށް ވާ އަދާލަތު ޕާޓީން ނެރުނު ބަޔާނުގެ ބަސްމަގުވެސް ހުރީ މިމޭރުމުންނެވެ. އެ ބަޔާނުގައި ވަނީ އެއަމަލަކީ

ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސްއަޅަން ކުރި މަސައްކަތެއް

ގޮތުގައެވެ.


އަދި މީގެ އިތުރުން ސަރުކާރާއި ސަރުކާރު ކޯލިޝަން ބައިވެރިން ތެރޭ ހިމެނޭ ވަރަށް ގިނަބަޔަކު މިވާހަކަ ދައްކަމުން ދަނީ ހަމަ މި މޭރުމުންނެވެ. ދީނީ އިލްމުވެރިޔަކަށް ފުރައްސާރަ ކޮށްފިއެވެ. ދީނީ އިލްމުވެރިޔަކަށް ޓާރގެޓު ކޮށްފިއެވެ. ދީނަށް ހަމަލާ ދީފިއެވެ. ދީނަށް ފުރައްސާރަ ކޮށްފިއެވެ.


އެކަމަކު އަސްލު ވީ ކިހިނެތްބާ؟ފުރައްސާރަ ކޮށްގެން އުޅެނީ ކާކަށްބާ؟ރިއެކްޓް ކޮށްގެން އުޅެނީ ކޮން ކަމަކަށް ބާ؟ 


މީހަކު ދީނީ އިލްމުވެރިޔަކަށް ވީތީ އެމީހަކަށް ޓާރގެޓު ކޮށްގެން ފުރައްސާރަ ކުރާ މަދު ބަޔަކު މިރާއްޖޭގައި ވެސް އުޅެއެވެ. އެބަޔަކު ގިނައިން ފެންނަނީ މީސްމީޑިއާގައި ބޮޓް އެކަައުންޓުތައް ފަހަތު ފިލާ، ނުވަތަ ރާއްޖެ ދޫކޮށް އެހެން ގައުމެއްގައި ގޮސްތިބެ އެކަން ކުރާ މަންޒަރެވެ. 


އެއާއި ހިލާފަށް "ސިޔާސީ އިލްމުވެރިން" ދައްކާ ސިޔާސީ ވާހަކަތަކަށް ރައްދުދީ ފުރައްސާރަ ކުރުމަކީ މިގައުމުގައި ހިނގާ އާންމު ކަމެކެވެ. ޑިމޮކްރަސީ އާއެކު ދިވެހިންގެ ތެރެއަށް އަލަށް އުފަންވީ އާދަތަކުގެ ތެރެއިން އާދައެކެވެ.


ސިޔާސީ ހަރަކާތެއް ތެރެއަށް އިދިކޮޅުގެ މީހަކު ވަދެގަތީމާއި ހަޅޭލަވާ ހޯއް ޖެހުމަކީ އާންމު މަންޒަރެކެވެ. މިއަދު އިއްޔެއަކު އާންމުވި ކަމެއްވެސް ނޫނެނެވެ. ނޫސްވެރިން، ގާޒީން، ފުލުހުން، ސިފައިން އަދި މިނޫންވެސް ވަރަށް ގިނަ ދާއިރާތަކަށް ނިސްބަތްވާ އެކިއެކި ފަންނުގެ މީހުންވަނީ މިކަން ތަޖުރިބާ ކޮށްފައެވެ. އެހެނަސް މިހުރިހާ ކަމެއްގެވެސް އަސާސް ގުޅިފައިވަނީ ‘ސިޔާސީ’ ކަންކަމާއެވެ. ސިޔާސީ ސަބަބު ތަކާއެވެ. 

ޑރ.އިޔާޒު އަކީ ދީނީ އިލްމުވެރިއެއް ؟ ސިޔާސީ އިލްމުވެރިއެއް؟

ޑރ.އިޔާޒަކީ މިރާއްޖޭގައި ބަލާ ހަމަތަކުން ދީނީ އިލްމުވެރިއެކެވެ. އޭގެ އިތުރަށް ޑރ.އިޔާޒަކީ މީސްމީޑިއާގެ ޓުވިޓަރ ހޮޅުއަށީގައި މިހާތަނަށް 28،000 ޓުވީޓު ކުރައްވަވާފައިވާ، އެ ހޮޅުއަށީގައި ގިނަގިނައިން ވާހަކަ ދައްކަވާ 'އަނގަ ގަދަ' ބޭފުޅެކެވެ. މީސްމީޑިއަަގައި އެހެން ދީނީ އިލްމުވެރިންވެސް އުޅުއްވަވައެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން ދައްކަނީ ދީނީ ވާހަކަ އެކަންޏެވެ. 


އެހެނަސް ޑރ.އިޔާޒަކީ އެފަދައިން، ހަމައެކަނި ދީނަށް ފޯކަސް ކުރައްވަވާ، އިލްމުވެރިއެއް ނޫނެނެވެ. ޑރ.އިޔާޒު ފާހަނގަ ކޮށްލެވެނީ ވެސް ދީނީ އިލްމުވެރިން ތެރޭގައި ހިމެނިވަޑައި ގަންނަވާ އިންތިހާއަށް "ސިޔާސީ" ބޭފުޅެއް ގޮތުގައެވެ.


ހިތާހިތުން އަމިއްލަ ނަފްސާއި މި ސުވާލުކޮށްލަ ބަލާށެވެ. އިޔާޒު ތިބޭފުޅާއަށް އެނގެނީ ދީނީ އިލްމުވެެރިއެއް ގޮތުގައި ހެއްޔެވެ. ނޫނީވީއްޔާ އެހެން ކޮންމެވެސް ކަމަކާއި ގުޅިގެން ހެއްޔެވެ؟ 


އަދި އިތުރަށް ޔަގީން ކޮށްލަން ބޭނުންފުޅުވާ ފަރާތްތަކުން މިހެން ހައްދަވާށެވެ. އެބޭފުޅަކު އެންމެ ގަޔާވާ، އެންމެ ރަަނގަޅު ކަމަށް ގަބޫލުކުރާ ނޫހެއްގެ ސައިޓައް ވަދެ ޑރ.އިޔާޒު "ސާޗު" ކޮށްލައްވަވާށެވެ. ދެން ފެންނަ ސުރުހީތަކަށް ބަލައި އަމިއްލައަށް މިސުވާލަށް އިންސާފު ކުރައްވަވާށެެ.


ޑރ.އިޔާޒުގެ ވާހަކަ ރަށުތެރޭ ކިޔާ އުޅެނީ ދީނީ ކަންކަމާއި ގުޅުވައިގެން ހެއްޔެވެ؟ 

ޖަވާބު ވަރަށް ސާފެވެ. ޖަބާވަށް ބަހުސް ކުރާނެ މާގިނަ ބަޔަކު ތިބެދާނެހެން ހީއެއްވެސް ނުވެއެވެ


އެއްޒަމާނެއްގައި ދީނީ އިލްމު އުނގެނުމުގައި ޑރ.އިޔާޒާއި އެއްކޮށް ބަޔަކު އުޅެ، އެގޮތުން އިޔާޒު އެނގުނަސް ޑރ.އިޔާޒަކީ އޭގެ އިތުރުން ‘ސިޔާސީ އިލްމުވެރިއެއް’ ވެސް މެއެވެ. ގިނަ ދިވެހިން އިޔާޒު ދަންނަނީ އެގޮތަށެވެ. އަދި ޑރ.އިޔާޒު ފާހަނގަ ކޮށްލެވެނީ އާންމުކޮށް ސިޔާަސީ ކަންކަމަށް ކޮމެންޓު ކުރައްވަވާ ދީނީ އިލްމުވެރިންނާއި ހިލާފަށް، ސިޔާސީ ވަކިކޮޅަކަށް ބުރަވެހުރެ ސިޔާސީ ގޮތުން މީހުން ‘ރުޅިއަރުވަން’ ނުަވަތަ އަރާނެހެން އަދި ޑރ.އިޔާޒު ގަޔާނުވާ ވެރިންގެ އަވު ވައްޓައި، އެމީހުން ބޮލުގައި ނުސީދާކޮށް ތުހުމަތު އަޅުވާ، ސިޔާސީ ތިލަފަތަކުން މިނާ ނަމަށް ސިޔާސީ ގޮތުން ‘އެކްޓިވިސްޓެއް’ ގޮތުގައެވެ. 


ވީމާ ޑރ.އިޔާޒަށް ބަޔަކު ކުރި ފުރައްސާރައެއް ކުރީ ދީނީ އިލްމުވެރިއަކަށް ވެގެންތޯއެވެ؟ 


ޑރ.އިޔާޒަށް ‘ގޮވި’ މީހުން އެކަން ކުރީކީ ޑރ.އިޔާޒު ތައުލީމު ހާސިލްކޮށްފައި ހުރި ދާއިރާ އަކާއި ގުޅިގެނެއްް ނޫނަކަން ޔަގީން ކުރަން ދިރާސާތަކެއް ކުރާކަށް ނުޖެއެވެ. އަދި އެކަމެއް ކުރިމަތިވީ ޑރ.އިޔާޒު ދެއްކި ދީނީ ވާހަކަ އަކާއި ގުޅިގެން ނޫންކަން ޔަގީން ކުރަން ރިޔާސީ ކޮމިޓީއެެއްގެ ބޭނުމެއްވެސް ނުޖެހޭނެއެވެ.


އެބަޔަކު އެކަމެއް ކުރީ ޑރ.އިޔާޒު ވިދާޅުވެފައިވާ އަދި ވިދާޅުވަމުންދާ ސިޔާސީ ވާހަކަ ތަކާއި ގުޅިގެންނެވެ. މީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ހުދު ޑރ.އިޔާޒުވެސް މިކަމަށް އެއްބަސް ވާނެއެވެ. 

ރޭ ދަންވަރު 00:52 ގައި ޑރ.އިޔާޒު މި ހާދިސާ އާއި ގުޅިގެން ކުރެއްވެވި ފުރަތަމަ ޓުވީޓުގައި އޮތީ

ކިތަންމެ މުޒާހަރާއެއް ކުރިޔަސް, ކިތަންމެ ވަރަކަށް މުއައްސަސާތަކުގެ ދޮށަށް އެއްވިޔަސް, ކިތަންމެ ވަރަކަށް މަގުމަތިން މީހުންނާ ފޮށުނަސް, ޖަލުގައި އޮތް މީހާ މިނިވަނެއް ނުވާނެ.

ޑރ.އިޔާޒުގެ ޓުވީޓުގައި ދީނީ ވާހަކައެއް ފާހަނގަ ކުރައްވާވާފައެއް ނެތެވެ. ޑރ.އިޔާޒު ދެއްކެވި ދީނީ ވާހަކައަކަ އަކާއި ގުޅިގެން ބަޔަކު ކަމެއް ކުރިކަންވެސް ނެތެއެވެ. އެއާއި ހިލާފަށް އެއީ ސިޔާސީ ކަމެއް ކަން ފާހަނގަކޮށް އެ ޓުވީޓުގައި ވެސް ދެއްކެވީ ‘ޖަލުގައި އޮތް މީހާ’ ގެ ވާހަކައެވެ. 


ވީމާ މި ހާދިސާ ގައި ޑރ.އިޔާޒަށް ކުރި ފުރައްސާރައަކީ އެއީ އޭނާ ދީނީ އިލްމުވެރިއަކަށް ވީތީ ކުރި ފުރައްސާރަ އެކޭ ބުނެވޭނެ ހަނި ޖާގައެއްވެސް ނެތެވެ. 


ސިޔާސީ ކަންކަމުގައި ‘އެކްޓިވިސްޓު ވެގެން’ އުޅޭ ހުރިހާ ފަރާތަކަށް ވެސް މީހުން ރައްދުދީ ރިއެކްޓު ކުރެއެވެ. އެއިން އެއްވެސް ހާލަތެއްގައި އެކަން ކުރަނީ އެމީހާ އިލްމު ހާސިލް ކުރި ދާއިރާއަށް ބަލާފައެއް ނޫނެވެ. 


ކުރީގެ ރައީސް ޔާމިން އިލްމު ހާސިލް ކުރީ ބިޒަނަސް އަދި ޕަބްލިކު ޕޮލިސީގެ ދާއިރާއިންނެވެ. ޔާމީނަށް ރިއެކްޓުކޮށް ފުރައްސާރަ ކުރި ބަޔަކު، ޑރ.އިޔާޒުވެސް ހިމެނޭހެން، އެކަން ކުރީ ޔާމީނަކީ އިގްތިސޯދީ ދާއިރާގެ އިލްމުވެރިއަކަށް ވެގެނެއް ނޫނެވެ. 


ކުރީގެ ރައީސް ނަަޝީދު ކިޔަވާ ވިދާޅުވީ ‘މެެރިޓައިމް ސްޓަޑީސް’ އެވެ. ނަޝީދަށް ކޮމެންޓު ކޮށް ފުރައްސާރަ ކުރި ބަޔަކު އެކަން ކުރީކީ އެއިލްމުގެ ސަނަދެއް ނަޝީދު އަތުގައި އޮތަތީއެެއް ނޫނެވެ. 


ހުދު ޑރ.އިޔާޒަކީ ނަޝީދާއި ދެކޮޅަށް އަޑު އުފުއްލެވި، ވަރަށް ގިނަ ވާހަކަ ދެއްކެވި، ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ހަމްދުކޮށް ޓުވީޓު ކުރެއްވި ބޭފުޅެކެވެ. އެއީ ނަޝީދަކީ ލިޔުންތެރިކަށް ވެގެންތޯއެވެ؟ އެއީ ނަޝީދަކީ މެރިޓައިމް ދާއިރާއިން ކިޔަވާ ވިދާޅުވި މީހަކަށް ވީމަ ތޯއެވެ؟ 


މީގެ އިތުރުންވެސް ވަރަށް ގިނަ އިލްމީ އެކިއެކި ދާއިރާތަކުގެ މާހިރުން މިރާއްޖޭގެ ގައި ސިޔާސީ ކަންކަމުގެ ތެރޭގައި ޝާމިލްވެގެން އުޅުއްވަވައެވެ. އެއެންމެނަަށް ވެސް އެބަޔަކު ދައްކާ ވާހަކަތަކާއި ކުރާ ކަންކަމާއި ގުޅިގެން ސިޔާސީ ގޮތުން އަންނަ ހަމަލާ ތަކާއި ކުރިމަތިލާން ޖެހެއެވެ. 


ދަތުގެ ޑޮކްޓަރ ޑީޑީ އަށް އައި ސިޔާސީ ހަމަލާ ތަކަކީ ދަތުގެ ޑޮކްޓަރަކަށް ދިން ހަމަލާ ތަކެއް ނޫނެވެ. ކުރީގެ ރައީސް ޑރ.ވަހީދަށް އަމާޒު ކޮށް ‘ގޮވިހާ އެއްޗެއް’ ބަޔަކު ގޮވީ ވަހީދު އެޑިއުކޭޝަން ޕްލޭނިންނިން އިން މަތީ ތައުލީމު ހާސިލް ކުރެއްވެވީމައެއް ނޫނެވެ.


ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ.ޝަހީމާއި އާއިލާއަށް ފުރައްސާރަކޮށް ހެދީ ދީނީ އިލްމުވެރިއަކަށް ވެގެނެއް ނޫނެވެ. މިދުވަސްވަރު ޑރ.މުނައްވަރަށް އަމާޒުކޮށް އަންނަ ހަމަލާތަކަކީ ކަނޑުގެ ގާނޫނުގެ އިލްމަށް ދޭ ހަމަލާ ތަކެއް ނޫނެވެ. މިދިޔަ އަހަރު އަޅުގަނޑުގެ އެކުވެރި ޑރ.ޖިހާދު ހައްޔަރު ކުރީ އޭނާގެ ދަތުގެ ކޮބަޑި ފިލުވާތީކީ އެއްވެސް ނޫނެވެ.


އެކަމަކު ޑރ.އިޔާޒާއި ޖެހުނީމައި މިކަން ވަރަށް ތަފާތު ވެއްޖެެއެވެ! ވަކިން ހާއްސަ ވެއްޖެއެވެ. އެއީ ކީއްވެގެން ބާވައެވެ؟ ޑރ.އިޔާޒު ސީޔާސީ ގޮތުން ދައްކަވާ ވާހަކައަކަށް ރައްދުދޭ މީހާ ރައްދު ދެނީ އިޔާޒުގެ ސަނަދާއި، އުނގެނި ހުރި އިލްމަށް ކަމަށް ވަނީ ކޮން އުސޫލަކުން ތޯއެވެ؟ 


ސިޔާސީ ކަންކަމުގެ ތެތެއަށް ނިކުމެ، ސިޔާސީ ވާހަކަ ދައްކަވަން ފެށީމާއި އެ ނިކުމެވެނީ ސިޔާސީ  ދުނިޔެއަށެވެ. އެހިސާބުން ހިނގާނީ ސިޔާސީ ‘އުސޫލު’ ތަކެވެ. އެހެނަސް މިރާއްޖޭގައި މިހާތަނަށް ސިޔާސީ ގޮތުން އެންމެ ބޮޑެތި އަދި އެންމެ ގިނަ ގޮންޖެހުމާއި ފުރައްސާރަ ތަކާއި ކުރިމަތިލާން ޖެހުނު ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ‘ޑިފެންސަކަށް’ އެމީހެއްގެ ސަނަދު ނުވަތަ ތައުލީމު ހާސިލް ކުރި ދާއިރާ ބޭނުން ކޮށްފައި މިހާތަނަކަށް ނުވެއެވެ.


އެހެނަސް މިއަދު ފެނިގެން މިދަނީ ޑރ.އިޔާޒު ސިޔާސި ޗަރުކޭސް ތެރޭ އުޅުއްވަމުން ދަނިކޮށް އޭނައަށް އަމާޒުވި ކަންކަމުގެ ‘ޑިފެންސްއަށް’ އޭނަގެ ސަނަދު ބޭނުން ކުރާ މަންޒަރެވެ. ތައުލީމު ހާސިލް ކުރެއްވި ދާއިރާ ބޭނުން ކުރާ މަންޒަރެވެ. ސިޔާސީ ތީރެއް އުކާލާފައި އަންނަ ހަމަލާއިން ރެކެން ‘ދީނީ ކާޑު’ ކުޅުއްވަވާ މަންޒަރެވެ.


އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ހުތުރު ކަމެކެވެ. އަދި ކުރިންވެސް ދެންނެވިހެން އެހެން އެއްވެސް ބަޔަކު އަދި ކުރި އަދި ކުރާކަމެއްވެސް ނޫނެވެ. 


ޑރ.އިޔާޒު ސިޔާސީ ވާހަކަ ދައްކަވާނަމަ ސިޔާސީ ގޮންޖެހުމާއި ކުރިމަތިލާން ޖެހިވާޑައިގަންނަވާނެއެވެ. އެހެން ހުރިހާ ސިޔާސީ އެކްޓިވިސްޓުން ތަކެކޭވެސް އެއްފަދައިންނެވެ. އެހެންނަމަވެސް ޑރ.އިޔާޒު ސިޔާސީ ގޮތުން ބޭނުންފުޅުވާ ކޮންމެ އެއްޗެއް، ބޭނުންފުޅުވި ގޮތަކަށް ވިދާޅުވުމަަށް ފަހު އެއަށް ބަޔަކު ރިއެކްޓް ކުރުމުން ‘މަމީ ދިންވެރިއެކޭ’ ބުނެ ރަތް ކާޑު ނުދެއްކެވޭނެއެވެ. އެހެން އެކަން ކުރުމަކީ ‘ދީނީ އިލްމުވެރިއެއް’ ގެ ލަގަބުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އެ ލަގަބުގެ ނަހަމަ ބޭނުން ކުރުމެވެ. 


މިއީ ކޮންމެ ދާއިރާއަކުން ތައުލީމު ހާސީލް ކޮށްގެން ހުރި ކޮންމެ މީހަކުވެސް ދިރިއުޅޭ ‘ރިއާލިޓީ’ އެވެ. 


 ކުޑަކުދިންގެ ހާއްސަ ޑރ.ފައިސަލްވެސް ވަރަށް ގިނަ ޓުވީޓު ކުރައްވަވައެވެ. އެހެނަސް އެއްވެސް ބަޔަކު ސިޔާސީ ރައްދެއް ފައިސަލަކަށް ނުދެއްވަވައެވެ. ޑރ.ނިޔާފުވެސް މެއެވެ. ޑރ.މުހައްމަދީ މީސްމީޑިއާގެ ‘ސެލެބްރީޓީ’ ޑޮކްޓަރެކޭ ވެސް ބުދެވިދާނެއެވެ. އެެހެނަސް މިއިން އެއްވެސް ބޭފުޅަކަށް ސިޔާސީ ‘ހަމަލާތަކެއް’ ނާދެއެވެ.


ސަބަބަކީ ސިޔާސީ ނުވާތީއެވެ. ސިޔާސީ ވާހިސާބުން އެފަދަ ހަމަލާާތައް ްެއެންމެ ބޭފުޅުންނަށްވެސް އަމާޒުވާނެއެވެ. އެކަން އެހެން ވާހިނދު އެއީ ތިމަންނާ ޑޮކްޓަރަކަށް ވީމަައޭ ނުބުނާނެއެވެ. 


ވީމާ ޑރ.އިޔާޒުވެސް ކޮންމެވެސް އެއް ގޮތެއް ނިންމަވަން ޖެހެއެވެ. ދީނީ އިލްމުވެރިންވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ޖެހެއެވެ. އެހެނަސް އެކަން އެގޮތަށް ކުރަން ފެށުމުން ތިމާމީހާ ސިޔާސީ ގޮތުން އެހެން މީހުންނަށް ކުރާ ފުރައްސާރަ އާއި އެފުރައްސާރަ ކުރާ ގޮތަކުން އޭގެ ރައްދު ތިމާ މީހާއާއި ދިމާލަށްވެސް އަންނާނެކަން ގަބޫލު ކުރަން ޖެހޭނެއެވެ. އަދި އެކަން އެހެން ވުމުން، ތިމާ ދައްކާ ސިޔާސީ ވާހަކަ އަކާއި ހެދި ބަޔަކު ރިއެކްޓު ކުރުމުން، ސަނަދާއި ދީނާއި ލަގަބުތައް ޑިފެންސްއަކަށް ނުނަގާނެހާ އިލްމީ އަހްލާގު ހުންނަންވާނެއެވެ.


މިވާހަކަތައް މިމޭރުމުން މިހިސާބަށް ދެއްކީ ހަމައެއްވެސް ހާލެއްގައި ފުރައްސާރަ ކުރުމުގެ އެ އަމަލު ދިފާއު ކޮށްފައެއް ނޫނެވެ. ދިފާއު ކުރުމަކަށް ވެސް ނޫނެވެ. ވާހަކައިގެ އަމާޒު މިހާތަނަށް ހުރީ ދީނީ އިލްމު އުގެނނިގެން ހުރި  ސިޔާސީ  މީހަކު ސިޔާސީ ވެވަޑައިގެންފައި، ސިޔާސީ ގޮތުން އަންނަ ހަމަލާގެ ޑިފެންސް އަކަށް ދީނީ ކާޑު ބޭނުން ކުރުމާ މެދުއެވެ. 


މި މުޖްތަމައުގައި ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި ގޯނާ ކުރުމަކީ ބަދަލުކޮށް އިސްލާހު ކުރަން ޖެހޭ ކަމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެނަސް އެކަން ކުރަން ޖެހެނީ ވަކި ދީނީ އިލްމު ހާސިލްކޮށްގެން ހުރި ސިޔާސީ އެކްޓިވިސްޓަކާއި ޖެހުނީމަ އެކަންޏެއް ނޫނެވެ. އެހެން އެކަން ކުރާނަމަ ސިޔާސީ ހުރިހާ އެކްޓިވިސްޓުންވެސް ދީނީ ތާކިހާ އަޅާ ދީންވެރިންނަށް ވާން ފަށާނެއެވެ. 


ސިޔާސީ މަސްރަހުގައި ހުރިހާ ޕާޓީތަކަކުންވެސް ހިންގަމުންދާ މިފަދަ ނުރަގަނޅު އަމަލުތައް ހުއްޓުވޭނީ ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް ހުރިހާ އިލްމެއް ހާސިލްކޮށްގެން ތިބި ސިޔާސީ މީހުން ހިމެނޭހެން، ތަފާތު ކުރިމެއް ނެތި އެ ހައްލު ގެންނާން ފެށުމުންނެވެ.


އަދި ދީނީ އިލްމު އުނގެނިގެން ތިއްބަވާ ޑރ.އިޔާޒު ފަދަ އެކްޓިވިސްޓުންނަށް ސިޔާސީ-ވެވަޑައިގެންފައި ރެކެން ދީނީ ކާޑު ބޭނުން ކުރުމުގެ ހިތްވަރު ނުދީއެވެ. މިހެން މިކަން ކުރިއަށް ގެންގޮސް، އާދަ އަކަށް ހަދައިފިނަމަ، ދީން ކިޔަވައިގެން ތިއްބަވާ އެކިއެކި ޕާޓީ ތަކުގެ އެކްޓިވިސްޓުން ބޭނުންވެ ވަޑައިގަންނަވާ ހުރިހާ ސިޔަސީ ޗަރުކޭހެއް ދީނީ ތާކިހާ އަޅުއްވަވައިގެން ކުރައްވައި، އެމީހަކަށް އަމާޒުވާ ސިޔާސީ ހަމަލާ ތަކަކީ ދީނަށް ދޭ ހަމަލާތަކެއް ގޮތުަގުަގައި ކަނޑައެޅުމުގެ ތެރޭގައި އެބޭޅުންގެ ހަވާ ހަޑިއާއެކު ދީން އަދި ދީނީ އިލްމުވެރިންގެ ޝަރަފާއި އިއްޒަތްވެސް ވެއްޔާއި މޮޑެވި ދަަނީއެވެ.



(މީ ދަ ކޮމަނާސްގެ މަގޭ ހިޔާލު ނުވަތަ އޮޕީނިއަން އާރޓިކަލްގެ ތެރޭގައި ހިމެނޭ ލިޔުމެކެވެ. އަމިއްލަ ހިޔާލު ބައިގައި ލިޔާ ހުރިހާ ވާހަކަ ތަކެއްގެ ޒިންމާ ނަގާނީ އެ ލިޔުމެއް ލިޔުނު ފަރާތަކުންނެވެ)

1 Comment


Mohamed Zakariyya
Mohamed Zakariyya
Jun 15, 2023

Midhuam saudh ge noannane molhethi vaahaka dhakkalan fithuna ufeddhun

Like
bottom of page