top of page
މިދުއަމް ސައުދު

ކޮބާ އެންމެންވެސް ފެމިލީ ޓްރީ ހަދަން ހިނގާ!

5 ޖޫން 2023


ކާފަ އެނގޭތޯ؟ މުނި ކާފަ އެނގޭ ތޯ؟ މުނި މުނި ކާފަ އެނގޭތޯ؟ މުނިމުނި ކާފަ ހިސާބުން އާއިލާ އަނެއް ފަޅީގެ މީހަކު އެނގޭތޯ؟ 


އިހުޒަމާނުގައި ޓެކްނޮލޮޖީ މިހާރާއި ގާތަށް ތަރައްގީ ނުވާ އިރުވެސް ބަކަރި ހަމާއި އެހެނިހެން އެއްޗެހީގައި ލިޔެގެން އާއިލާގެ ‘ލީނިއޭޖް’ ވަރަށް ގިނަ މީހުން ބަލަހައްޓަމުން ދިޔައެވެ. 


އެހެނަސް މިޒަމާނުގެ ފަސޭހަ ވެބްސައިޓު ތަކާއި މޯބައިލް ފޯނު އެޕްލިކޭޝަން ހުރެފައި، ފޯނާއި މީސްމީޑިއާގެ ޒަރީއްޔާއިން މީހުން ހޯދަން އިހުނާއި ބަލާއިރު ވަރަށް ބޮޑުތަން ފަސޭހަވެފައި ވީކަމުގައި ވިޔަސް އަޅުގަނޑުމެންގެ ގިނަ މީހުން އެކަމެއް ނުކުރެއެވެ. 


ބައެއް މީހުން ހިތަށް އަރާފާނެއެވެ. ބޭނުމަކީ ކޮބާ ހެއްޔެވެ؟ ތެދުފުޅެކެވެ. ފަހަރުގައި މާ ބޮޑު ބޭނުމެއް ނުހިފިދާނެއެވެ. އެހެނަސް ތިމާގެ އަސްލާއި ތިމާގެ ލީނިއޭޖް، ތިމާގެ ކާނބަފައިން އަދި އެމީހުންގެ ފަރާތުން އައިސް މިހާރު ތިބި ތިމާ އާއި ލޭގެ ގުޅުން އޮގް އެހެން މީހުން އެނގި، އެމީހުންގެ މައިލޫމާތާއި މިހާރު އުޅޭ ތަނާއި ކުރާ ކަން އެނގިގެން ގެއްލުމެށް ނުވާތާގައި ފަހަރުގައި ހަމަ ފައިދާތަކެއް ކޮށްފާނެއެވެ. އެކަންވެސް އެނގޭނީ އަޖުމަ ބަލާލީމައެވެ. 


ޑރ.ޔާސިރު ގާދީގެ ވާހަކަ 

އެމެރިކާގެ މައްޝޫރު ދީނީ އިލްމުވެރިޔާ ޑރ.ޔާސިރު ގާދީގެ ޕްރޮގްރާމެއް މިފަހުން ބަލާލެވުނެވެ. 


އެ ޕްރޮގްރާމުގައި އޭނާ ކުއްލިއަކަށް އާއިލީ ވަނަވަރު ހޯދަން ހިތަށް އަރައި ކުރި މަސައްކަތް ކިޔާދިނެވެ. އަދި އެ މަސައްކަތުން އެނގުނު ކަންތައްތަކާއި ދަސްވި ފިލާވަޅުތައްވެސް ކިޔާދިނެވެ. 


އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކަށް ޑރ.ޔާސިރު ގާދީ އަށް ހޯދުނު ކަމަކީ އޭނަގެ މުނިމުނި ކާފަ (އިންޑިއާ ނަސްލުގެ) އަކީ ހިންދޫއެއް ކަމެވެ. އެހެނަސް އޭނާ އުޅުނީ މުސްލިމެއްގެ ގޭގައި މަސައްކަތު މީހަކަށެވެ. އޭނަގެ މުސްލިމް ވެރިމީހާގެ އަހްލާގައި ހުލްގު ރަނގަޅު ކަމާއި އެނާގެ ތެދުވެރިކަމުގެ ސަބަބުން މި ހިންދޫ މަސައްކަތު މީހާ އިސްލާމް ދީނަަށް ޝައުގު އުފެދި، އެންމެ ފަހުން މުސްލިމަކަށް ވީއެވެ. އަދި އޭނަގެ އެއް ފިރިހެން ދަރިފުޅު ދީން ކިޔަވަން މެދުއިރުމައްޗަށް ފޮނުވީއެވެ. 


އެދަރިއަކީ ޑރ.ޔާސިރު ގާދީގެ މުނި ކާފައެވެ.


ޑރ.ޔާސިރު ކިޔާދިން ގޮތުން އެކަން ހޯދުމަށް ފަހު އޭނާ ދީނީ ދައުވަތު ދިނުމުގައި މުސްލިމް ނޫން މީހުންނާއި މުހާތަބު ކުރާގޮތް ވަރަށް ބޮޑަށް ބަދަލުވިއެވެ. އަދި ހަމަ އެހެންމެ މުސްލިމް ނޫން މީހުންނާއި މުހާތަބު ކުރުމާއި އެކުއުޅުމުގައި އިސްލާމީ ރިވެތި ސިފަތަކަށް އިތުރަށް ސަމާލު ވުމުގެ މުހިންމުކަން ޔާސިރަށް އިހްސާސް ކުރެވުނެވެ. 


ސަބަބަކީ މިއަދު އަޅުގަނޑުމެން މިދެކޭ މައްޝޫރި ދީނީ އިލްމުވެރިޔާގެ ހިންދޫ ކާނބަފައިން އިސްލާމް ވީ މުސްލިމަކު ދެއްކި ރިވެތި އިސްލާމީ ސިފަތަކުގެ ސަބަބުން ކަމަަށް ވީމައެވެ. 


މީގެ އިތުރުން އަދިވެސް، އައީލާ ހޯދުމުގެ ތެރެއިން، ވަރަށް ގިނަ ދުނިޔެވީ ފިލާވަޅުތައް ދަސްވެ، ކަންކަމާ މެދު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވި ކަމަށް ޔާސިރު ކިޔާ ދިނެވެ. 


މިސާލަކަށް ‘ސްޕެނިޝް ފްލޫ’ ގައި އޭނަގެ މުނިމުނި ކާފަ ނިޔާވިގޮތާއި، އިންޑިއާގެ މިއުޓިނީގައި އިނގިރޭސިން މުސްލިމުން މަރަން ފެށުމުން މުނިމުނި މާމަ ފިލަން ކުރި މަސައްކަތްތެކެވެ. މިކަންކަން އެނގުމުން، އާއިލާއި ތިމާ މީހާއާއި ގުޅުން އޮތްކަން އެނގުމުން އެފަދަ ތާރީހީ ހާދިސާ ތަކާމެދު ދެކޭގޮތް ބަދަލުވެ އެ ދިރާސާތަށް ކުރުމަށް އިތުރަށް ހިތްވަރު ލިބިގެން ދިޔަކަން ޔާސިރު ފާހަނގަ ކުރިއެވެ.


އެ ޕްރޮގްރާމް ބަލާ ނިންމާލާފައި މި ލިޔުން ލިޔަމުން އަޅުގަނޑު ކުރި ސުވާލުތައް އަމިއްލަ ނަފްސާއި ކޮށްލީމެވެ. 


ކާފަަ އެނގޭ ހެއްޔެވެ؟  އާނ އެނގެއެވެ. 


މުނި ކާނފަ އެނގޭ ހެއްޔެވެ؟ ނޭނގެ… އެކަމަކު ހޯދިދާނެ 


މުނިމުނި ކާފަ އެނގޭ ހެއްޔެވެ؟ ނޭނގެއެވެ…. 


ދެވަނަ ބޮޑު ހަނގުރާމައިގައި އާއިލާ މީހުން އުޅުނު ގޮތް އެނގޭ ހެއްޔެވެ؟ ދެކުނު ބަގާވާތުގައި ކާފަ/މުނިކާފަ އުޅުނު ގޮތް ކުރި ކަމެއަ އެނގޭ ހެއްޔެވެ؟ ނޭނގެއެވެ. 


އެނގިގެން ގެއްލުމެއް ނުވާތާގައި ހަމަ ކޮންމެވެސް ބޮޑު ފައިދާއެއް ކޮށްފާނެ ވަރަށް ގިނަ ކަންތައް އަޅުގަނޑަށްވެސް ހުދު އަޅުގަނޑުގެ އާއިލާ އަޅުގަނޑުގެ ކާނބައިންނާއި ބެހޭގޮތުން ނޭނގެއެވެ. 


އޭގެ ތެރެއިން ގިނަ މީހުން މިހާރު ދުނިޔޭގައި ނެތެވެ. ތިބި މީހުން ދުނިޔެ ދޫކޮށް ދިއުމުގެ ކުރިން އެމީހުންގެ ބޭނުން ހިފަން ޖެހޭނެ ކަން ގަބޫލު ކުރެވުނެވެ. 


އެހިސާބުން އަޅުގަނޑުގެ އަމިއްލަ ފެމިލީ ޓްރީ ހަދަން ނިންމީމެވެެ. ފުރަތަމަ ދުވަހުވެސް މިހާރު އެނގޭ ވަރަށް ކާފަ މާމަމެން ހިސާބުން ފެށިގެން ސެކަންޑް ކަޒިންސް އާއި ހަމަޔަށް ލިޔެފީމެވެ. ދެން އޮތީ ކާފަ މާމަމެން (ނުވަތަ އައްޑޫ މީހުން ކިޔާ ގޮތަށް މުންނަ މެން) ގާތަށް ގޮސް މުނި ކާފަ މުނި މާމަ މެންގެ މައުލޫމާތާއި އެމީހުންގެ ދިރިއުޅުމުގެ ބައެއް ވާހަތައް އަހާ ލިޔުމެވެ. 


މިކަން ކުރަން ތައްޔާރުވަމުން ދަމުން ހަމަ ހިތަށް އެރިއެވެ. މި ވާހަކަތައް އެހެން މީހުންނާއިވެސް ހިއްސާ ކޮށްލާނީއެވެ. 


ފެމިލީ ޓްރީ ހަދަން ބޭނުން ކުރާ ސައިޓު ތަކާއި އެޮްލިކޭޝަންތައް މިހާރު ވަރަށް ގިނައެވެ. މިލިޔުން ކިޔާ ނިމިގެން އޭގެ ސައިޓް/އެޕްލިކޭޝަނެއް ހޯދާ ލައްވާށެވެ.   


އަޖުމަ ބަލާލަން ނަމަވެސް އަމިއްލަ ފެމިލީ ޓްރީ ކުރަން ފަށާލަ ބަލާށެވެ. ނިމޭނީ ކިހާ ހިސާބަބަކުން ކަމެއް ނޭނގެއެވެ. ހޯދޭނީ ކޮންކޮން ކަންތައް ތަކެއް ކަމެއް ހަމަ ނޭނގެއެވެ. ދަސްވާނީ ކޮންކޮން ފިލާވަޅުތަކެއް ކަމެއްވެސް ނޭނގެއެވެ. އެނގޭނީ ހަމަ ކުރަން ފެށީމައެވެ. 


(މިލިޔުން ކިޔާފައި ނުވަތަ އޭގެ ކުރިންވެސް އާއިލާ ތާރިހު ހޯދާ، ޝައުގުވެރި ކަންކަން ހޯދިފައި ވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ވާނަމަ އަޅުގަނޑު މެންނާއި ހިއްސާ ކޮށްދެއްވަވާ، އޭރުން އެހެން މީހުންގެ ޝައުގު މިކަމަށް އިތުރު ކުރުމުގެ މަގްސަދުގައި  އެވާހަކަތައް އަޅުގަނޑުމެން ލިޔެ ދޭނަމެވެ) 

Related Posts

See All

コメント


bottom of page