top of page
އަހްމަދު

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ބީއެމްއެލްއިން ދޫކުރާ ލޯނަށް ދައްކަންޖެހެނީ މަހަކު 3300 ރުފިޔާ


ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަތަކަށް ފަސޭހަކަމާއެކު ފައިނޭންސިންގ ފޯރުކޮށްދިނުމަށް އައު ލޯނަކާއި ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.


އަލަށް ތައާރަފް ކުރެވުނު ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. ބެންކުން ދޫކުރާ އެހެން ލޯނުތަކަށްވުރެ ރަހުނަކާ ނުލައި ކުޑައިންޓްރެސްޓް ރޭޓެއްގައި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.


150,000 ލޯނު ނަގާފަރާތްތަކަށް މަހަކު ދައްކަން ޖެހެނީ 3,337 ރުފިޔާއެވެ. މިކަމާ ގުޅޭގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ބަލިމަޑު ކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް މިއަދު ތައާރަފްކުރެވޭ ފައިނޭންސިންގެ ފުރުސަތުތަކަކީ ހިޔާފްލެޓް ލިބުނު ފަރާތްތަކަށް ލިބޭނެ އުފާވެރި ޚަބަރެއް ކަމަށާއި ޝަރުތު ހަމަވާ ފަރާތަކަށް އިތުރު ރަހުނަކާ ނުލައި އަމިއްލައަށް އިތުރު ޚަރަދެއް ކުރަންނުޖެހި، ލިބިފައިވާ ފްލެޓްގެ ބާކީ މަސައްކަތްތައް ނިންމާލުމަށް 150،000 އާ ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. އަދި މި ލޯނާއެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުޢީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް ލިބޭނެ ކަމަށް ޓިމް ވިދާޅުވިއެެވެ.


ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގާނެފައިވާ ތަނުގެ ފިނިޝިންގެ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން300,000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.


ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއްބަހައްޓާކަށް ނުޖެހޭނެއެވެ. މި ލޯނު ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ އެހެން ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ %12ގައެވެ. ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ވެސް މިއާ އެއްގޮތް ފައިނޭންސިންގ ޕްރޮޑަކްޓެއް ވަނީ ތައާރަފްކުރެވިފައެވެ

Comments


bottom of page